މަސްވެރިން އައްޑޫ ސިޓީ ފިޝަރީޒް ކޮމްޕްލެކްސް(އޭއެފްސީ)ގައި 10 ދުވަސްވަންދެން މުޒާހަރާ ކުރިިއިރު، އެ ހާލަތު މެނޭޖްކުރުމުގައި އެ ފެސިލިޓީގެ މުވައްޒަފުންގެ ހިތްވަރުގަދަކަން ފެނިގެންދިޔަ ކަމަށް އެ ފެސިލިޓީ އޮޕަރޭޓްކުރަމުންދާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ބުނެފި އެވެ.
ޖޫން މަހުގެ 21 ވީ ހުކުރު ދުވަހުގެ 15:19 ގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ސަރަހައްދުގައި އައްޑޫއަށް ނިސްބަތްވާ 15 ވަރަކަށް މަސް ދޯނީގެ ކެޔޮޅުން ހިމެނޭގޮތުން މަސްވެރިންތަކެއް ފެށި މުޒާހަރާ ނިންމާލީ އިއްޔެ ހަވީރުގެ ވަގުތެއްގައި މިފްކޯއިން ފައިސާ ޖަމާކުރަން ފެށުމުންނެވެ.

ޖުމްލަ 10 ދުވަހަށް ދެމިގެންދިޔަ މި މުޒާހަރާގެ ފުރަތަމަ ދުވަހު ކަން ހިނގައިދިޔަގޮތަށް ބަލާއިރު، އޭއެފްސީގައި މަސައްކަތް ކުރާ 125 އެއްހާ މުވައްޒަފުންގެ ވަޒީފާގެ މާހައުލު ގެއްލި، އިންސާނީ ޒަރޫރީ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކެއިން ބުއިމާއި، ގަޟާ ހާޖާ ކުރުމާއި، ނިދުން ފަދަ އެތަކެއް އަސާސީ ހައްގުތައް ހަނިވެގެންދިޔަ އެވެ. މުޒާހަރާގެ ބައިވެރިންގެ ބިރު ދެއްކުމުގެ ތެރެއިން މިފްކޯއަށް ޖެހުނީ ހުރިހާ މުވައްޒަފުން ވަގުތީ އެކޮމޮޑޭޝަނަކަށް ބަދަލުކޮށް، ނިދުމާއި، ފާހާނާ ކުރުމާއި، ކެއިން ބުއިމާއި އެނޫންވެސް ޒަރޫރީ ކަންކަން ހަމަޖައްސާށެވެ.
”އޭއެފްސީގައި އިސްކޮށް މަސައްކަތް ކުރާ 7 ސީނިއާ މުވައްޒަފުންނަށް މުޒާހަރާގެ ބައިވެރިންގެ ފަރާތުން ކުރިމަތިވަމުންދިޔަ ދުއްތުރާތަކުގެ ސަބަބުން މުޅި އޮޕަރޭޝަން ހުއްޓި، އޭފްސީން ކަރަންޓު ކަނޑާލަން ޖެހުނު. އެވަގުތު އެ ފެސިލިޓީގައި ރައްކާކޮށްފައި ހުރި މަހުގެ ޓަނޭޖުގެ އަދަދު 390 އާ ގާތްކުރާނެ.“ މިފްކޯއިން ބުނެފައި ވެއެވެ.
މުޒާހަރާގެ ބައިވެރިންގެ އަމަލުތައް ހުރިގޮތުން، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އޭއެފްސީ ”ފުލް ޝަޓްޑައުން“ އަކަށް ގެންދިޔުމަށްފަހު، މުވައްޒަފުން އެހެން ތަނަކަށް ބަދަލު ކުރުމުގެ މަރުހަލާގެ ތެރެއިން މުޒާހަރާގެ ބައިވެރިން ވަނީ މުވައްޒަފުންގެ މެސް ރޫމުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، މަސްވެރިން ކައިބޮއި ހެދިއެވެ. އަދި މިފްކޯގެ ދިދަ ޕޯސްޓަށް ނަގާފައިވާ ދިދަ ބޭލުމަށްފަހު ތަން ހިސާރުކޮށް އޭއެފްސީގެ ފަހަތުން ވަންނަ ދޮރުވެސް އެމީހުން ބަންދުކުރި އެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ހިމާޔަތް ހޯދަން ޖެހުނުކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
”މުޒާހަރާގެ ބައިވެރިންގެ ބިރުދެއްކުމާއި އިންޒާރުތައް އިތުރުވެ، އެއްވެސް ކަމަކަށް ދޫ ނުދީ، ސީނިއާ މުވައްޒަފުންނާ ކުރިމަތިކުރުވި ހާލަތުގެ ސަބަބުން އެމީހުނަށް ޖެހުނީ ފުލުހުންގެ ހިމާޔަތް ހޯދަން. މީގެ އިތުރުން ހަމަނުޖެހުން ބޮޑުވެ، އޭފްސީގެ މުވައްޒަފަކަށް އަނިޔާވެސްވި.“ މިފްކޯއިން ބުނެފައި ވެއެވެ.
އޭއެފްސީ އަށާއި މުވައްޒަފުންނަށް ކޮންމެ ގެއްލުމެއް ވިޔަސް ވަރިހަމަ ކަމުގެ ބިރުވެރި ހާލަތަކަށް މުޒާހަރާގެ ބައިވެރިން މުޅި ސަރަހައްދު ބަދަލު ކޮށްލި ވަގުތު، އެތަނުގެ މުވައްޒަފުންގެ ކިބައިން ފެނިގެންދިޔައީ ކެތްތެރިކަމާއި، ހިކުމަތްތެރިކަމެވެ. ހާއްސަކޮށް އަމިއްލަ އިސްނެގުމުގެ މައްޗަށް މުޅި އޭފްސީގެ މުވައްޒަފުންގެ ހައްގުގައި އެތަނުގައި އިސްކޮށް މަސައްކަތް ކުރާ މުވައްޒަފުން ވަނީ ކަންކަން ތަރުތީބުކޮށް، އެހެނިހެން މުވައްޒަފުންގެ ކަންކަން ގާތުން ބަލައި، އެ ނުރައްކާތެރި ހާލަތުގައިވެސް ފެސިލިޓީގެ ބޭރުން ފުލުހުންނާއި ގުޅިގެން ހާލަތު ހަންމަތަކުރުމަށާއި، މަސްވެރިންނާއި އެކި ފަހަރު މަތިން ”ކެރިގެން“ މުއާމަލާތް ކޮށްފައެވެ. މިފްކޯއިން ބުނީ، އެ މުވައްޒަފުންގެ މަސައްކަތް ފަހުރުވެރިކަމާއެކު ފާހަނގަކުރާ ކަމަކަށެވެ.

މިފްކޯއިން ބުނީ، މުޒާހަރާގެ 10 ދުވަސްތެރޭގައި ހާސްކަމާއި، ބިރުވެރިކަމުގެ ތެރޭގައި އަމިއްލަ މަސްލަހަތަށްވުރެ މުޅި ކުންފުންޏާއި، ކުންފުނީގެ މުދަލާއި މުވައްޒަފުންގެ މަސްލަހަތު އިސްކޮށް، އަމިއްލަ އިސް ނެގުމަށް، އިސްވެ ހާލަތު ބުނެދިނުމާއި، މުޒާހަރާގެ ބައިވެރިންނާއި މުއާމަލާތް ކުރުމާއި، ފެސިލިޓީ ބެލެހެއްޓުމާއި، މެނޭޖުމެންޓާއި ގުޅިގެން މުޅި ހާލަތު މެނޭޖުކުރުމުގައި އޭފްސީގެ މުވައްޒަފުންގެ ފަރާތުން ފެނުނީ އާދަޔާ ހިލާފް ހިތްވަރެއްކަމަށެވެ. ވަކިން ޚާއްސަކޮށް ފުލުހުންނާއި މުއާމަލާތް ކޮށްގެން ހާލަތު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުނީވެސް އެ މުވައްޒަފުންގެ މިންނެތް މަސައްކަތުންކަން މިފްކޯއިން ފާހަނގަކޮށްފައި ވެއެވެ.
”މި ފުރުސަތުގައި އޭފްސީގެ މުވައްޒަފުންގެ އަގު ވަޒަންކޮށް، މުޅި ސިނާއަތުގެ ހައްގުގައި 10 ދުވަސް ވާންދެން އެ މުވައްޒަފުން ކުރި ބުރަ މަސައްކަތް މި ކުންފުނިން ފާހަގަކުރަން. ވަކިން ހާއްސަކޮށް ފުލުހުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން މިފްކޯއިން އަބަދުވެސް ފާހަގަކުރަން.“ މިފްކޯއިން ބުނެފައި ވެއެވެ.
އޭފްސީގެ އޮޕަރޭޝަން މިއަދުން ފެށިގެން ކުރިއަށް ދާއިރު، ވޭތުވެދިޔަ 10 ދުވަހުގެ މުޒާހަރާ އާއި ގުޅިގެން އޭއެފްސީ އަށާއި، ކުންފުންޏަށް ލިބުނު ގެއްލުން ދެނެގަތުމަށް އެސްސްމެންޓެއް ހެދުމުގެ މަސައްކަތް މިފްކޯއިން ދަނީ ކުރަމުންނެވެ. އަދި އެކަމުގެ ތަފްސީލް ރިޕޯޓު ނިމުނުހާ އަވަހަކަށް ހާމަކުރާނެކަމަށް މިފްކޯއިން ބުނެފައި ވެއެވެ.






