ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ) އަށް އިޓަލީގެ އަސްކަރީ އުޅަނދުތައް ބަނދަރުކޮށްފައިވަނީ އެކަމަށް ނަގަންޖެހޭ ހުއްދަތައް ނަގައިގެންކަމަށް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑިއެފް) އިން ބުނެފި އެވެ.
މިއަދު މެންދުރު ފަހުގެ ވަގުތެއްގައި، އިޓަލީގެ އަސްކަރީ ހަތަރު ޖެޓް ވެލާނާ އިންޓަނޭޝަނަށް އެއާޕޯޓަށް ޖައްސާފައި ވެއެވެ.
އެމްއެންޑިއެފް އިން ބުނީ، އެ އުޅަނދުތަކަކީ، ލޮޖިސްޓިކް ބޭނުންތަކަކަށް ވީއާއިއޭއަށް ޖެއްސި އުޅަނދުތަކެއް ކަމަށާއި، އަދި ޖައްސާފައިވަނީ އެކަމަށް ބޭނުންވާ ހުއްދަތައް ނަގައިގެން ކަމަށެވެ.
އޭވިއޭޝަން ދާއިރާގެ ޚަބަރުތައް ގެނެސްދޭ އޭވިއޭޓާ މޯލްޑިވްސްއިން ބުނެފައިވަނީ، އެ އުޅަނދުތައް ވީއައިއޭއަށް ޖައްސާފައިވަނީ ޓްރާންސިޓް ދަތުރުތަކެއްގައި ކަމަށެވެ. މި އުޅަނދުތައް މިދިޔަ އަހަރުވެސް ދެފަހަރެއްގެ މަތިން ވީއައިއޭއަށް ޖެއްސިކަމަށް އޭވިއޭޓަރ އިން ރިޕޯޓްކޮށްފައި ވެއެވެ.
ސައުވީހަށް އެނގިފައިވާ ގޮތުގައި ވީއައިއޭއަށް ޖެއްސި ފްލައިޓްތަކަކީ، އިޓަލީ އަސްކަރިއްޔާގެ ތަމްރީނުތަކެއްގައި ޝާމިލުވާ އެ އަސްކަރިއްޔާގެ ފްލީޓްގައި ހިމެނޭ ފައިޓަރ ޖެޓުތަކެކެވެ. އެ ފްލީޓްގެ ޖެޓްތައް ޖޫން 29 އިން 13 އޯގަސްޓްގެ ނިޔަލަށް ވީއައިއޭގައި ޓްރާންސިޓް ކުރުމަށް ވަނީ ތާވަލު ކުރެވިފަ އެވެ. އެ ދަތުރުތަކުގައި ރާއްޖޭގެ އޭޖެންޓުކަން ކުރަމުންދަނީ ވޮޔޭޖެެސް މޯލްޑިވްސްއިންނެވެ.


