މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ދަށުން ހިނގަމުންދާ ބައެއް އިދާރާތަކުގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަދަލުގެންނަވައިފި އެވެ.
މިގޮތަށް ބަދަލު ގެންނެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، މިދިޔަ ޖޫން މަހުގެ 25ވަނަ ދުވަހުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައި ވެއެވެ.
މިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކުރެއްވި ދެންނެވުމެއްގައި ވާގޮތުން، ބައިނަލް އަގުވާމީ ޖަމާއަތްތަކުގައި ރާއްޖެ ތަމްސީލު ކުރުމަށް ކަނޑައަޅާފައިވާ މިޝަންތަކަށް ކިޔާ ނަންތަކަށް ބަދަލުގެންނަވާފައި ވެއެވެ.
މިޝަންތަކުގެ ނަމަށް ގެނައި ބަދަލު ތައް:
• ”އ.ދ.ގައި ހުންނަ ދިވެހިރާއްޖޭގެ ޕަރމަނަންޓް މިޝަން“ގެ ނަން ”ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން“ގެ ނަމަށް ބަދަލުކުރެއްވުން.
• ”ދިވެހިރާއްޖެއިން އ.ދ.އަށް ކަނޑައަޅައިފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީސް“ ގެ ނަން ”ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން“ ގެ ނަމަށް ބަދަލުކުރެއްވުން.
• ”ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅައިފައިވާ ދާއިމީ މިޝަން“ ގެ ނަން ”ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަދި ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅައިފައި ހުންނަ މިޝަން“ ގެ ނަމަށް ބަދަލުކުރެއްވުން.
މީގެ އިތުރުން 25 ޖޫން އިން ފެށިގެން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ދަށުން ހިނގަމުންދާ އިދާރާތަކަށް އިނގިރޭސިބަހުން ބޭނުންކުރާނެ ރަސްމީ ނަންތައްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފަ އެވެ.



