އިޒްރޭލުގެ އަަސްކަރިއްޔާއިން ފަލަޞްޠީނުގެ ގާޒާގައި ހިންގަމުންދާ އުދުވާންތަކުގައި، މިހާތަނަށް ގާޒާގެ 1.9 މިލިއަން މީހުންގެ ގެދޮރުގެއްލި ހާލުގައި ޖެހިފައިވާކަމަށް އދ އިން ބުނެފި އެވެ.
އިއްޔެ ބޭއްވި އދ ގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އދ އިން ގާޒާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހިއުމެނިޓޭރިއަން ކޯޑިނޭޓަރު ސިގްރިދް ކާގް ވިދާޅުވީ، އިޒްރޭލުގެ އުދުވާންތަކުގައި 1.9 މިލިއަން މީހުން ގެދޮރުގެއްލި ހާލުގައި ޖެހިފައިވާއިރު، ޚާން ޔޫނިސްގެ އަވަށްތަށް ކަމަށްވާ އަލް.ގަރާރާ އަދި ބަނީ ސުހައިލާގައި ދިރިއުޅޭ މަދަނީންނަށް އަވަށްތަށް ދޫކޮށް ދިއުމަށް އިޒްރޭލް އަސްކަރިއްޔާއިން އަންގަމުންދާތީ އެކަމާއި ކަންބޮޑު ވާކަމަށެވެ.
”އެއްމިލިއަނަށްވުރެ ގިނަ މީހުން އަނެއްކާވެސް ގެދޮރު ގެއްލިގެން މިދިޔައީ. އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމާއި ބޯހިޔާވަހިކަމުގެ ހައްގު ގެއްލިގެން އެދިޔައީ. 1.9 މިލިއަން މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިގެން މިދިޔައީ. ޚާން ޔޫނިސްގެ އަވަށްތަކުން މީހުން ނިކުންނަން އަންގާތީ އެކަމާ އެބަ ވަރަށް ކަންބޮޑުވޭ.“ ކާގް ވިދާޅުވިއެވެ.
ކާގް އިތުރަށް ވިދާޅުވީ، އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން، ގާޒާގެ އެތަކެއް އާންމުގެ ގެތައް ބިމާ ހަމަވެ، އެމީހުންގެ އާންމު ދިރިއުޅުން ގެއްލި، އިންސާނީ ބޮޑު ކާރިސާއަކާ ފަލަޞްޠީނުގެ ރައްޔިތުން ކުރިމަތިލާންޖެހިފައިވާކަމަށެވެ. ޚާއްސަކޮށް އިންސާނީ ހައްގުތަކުން މަހްރޫމުވެ އެތައްބަޔަކު ބިކަ ހާލުގައި ޖެހިފައިވާއިރު، ކާނާއާއި ބޯފެނުގެ އެހީއަށް ޖެހިފައިވާ މީހުން ގިނަކަން އޭނާ ފާހަނގަ ކުރައްވާފައި ވެއެވެ.
ކާގް ވިދާޅުވީ، ހާލުގައި ޖެހިފައިވާ މީހުންގެ ނިސްބަތާ އަޅާކިޔާއިރު، އެދެވޭ މިންވަރަށް ގާޒާއަށް އިންސާނީ އެހީތެރިކަން ފޯރުވައިދެމުން ނުދާކަމަށާއި، މިހެން މިކަން ވާންޖެހެނީ، އެކަށިގެންވާ ވަރަށް ފަންޑް ނުލިބުމާއި، އިޒްރޭލުގެ އަސްކަރީން އެހީގެ އޮޕަރޭޝަންތަކަށް ހުރަސް އަޅަމުންދާތީ ކަމަށެވެ. އޭނާ ވަނީ ގާޒާއާއ ރަަފަހް ގުޅޭ ސަރަހައްދީ އިން ”ރަފަހް“ ހުޅުވާލާ އެހީގެ ތަކެތި ލުއި ފަސޭހަކަމާއެކު ފޯރުވެނޭ މަގުފަހިކޮށްދިނުމަށް އިޒްރޭލު އަސްކަރިއްޔާއަށް ގޮވާލައި، އަދި ގާޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން އދ އިން ކުރިޔަށްގެންދާ އޮޕަރޭޝަންތަކަށް ފަންޑް ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލްއާންމުތަކުގައި 37,925 ވަނީ ޝަހީދުވެފަ އެވެ. އަދި، 250،000 މީހުންނަށް ސީދާ ގޮތެެއްގައި އޭގެ އަސަރުކުރަމުންދާކަމަށް އދ އިން ބުނެފައި ވެއެވެ.



