ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ”ރަސްމާލެ“ މަޝްރޫއުގެ އާ އެއްބަސްވުމުގެ ދަށުން، މިފޭސްގައި ހަވާލުކުރި މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް މަޝްރޫއުގެ ކޮންޓްރެކްޓަރ، އިނގިރޭސިވިލާތުގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އިން ބުނެފި އެވެ.
ރަސްމާލޭގެ މަޝްރޫގެ ބިންހިއްކުމުގެ މަސައްކަތް އަލުން ފެށީ މަސައްކަތުގެ އެއްބަސްވުން އަލުން މުރާޖައާކޮށް، މަސައްކަތް ނިމޭވަރަކުން އަގު އަދާ ކުރާ ގޮތަށްކަމަށް ސީއެމްސީ އިން ބުނެފައި ވެއެވެ. ސީއެމްސީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްލާހުކުރެވިފައިވާ އައު އެއްބަސްވުމެއްގައި ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ)އާއެކު ސޮއިކުރީ 24 ޖޫން 2024 ގައެވެ. އަދި، މި އައު އެއްބަސްވުމުގައި އެއްވެސް ޝަރުތެއް ނުވަތަ ބިމުގެ މުޢާމަލާތަކާ ގުޅުވުމެއް ނެތްކަމަށާއި، މި އިސްލާހުކުރެވިފައިވާ އެއްބަސްވުން ބިނާވެފައިވަނީ މަސައްކަތް ކުރިއަށްދާ މިންވަރަކުން ފައިސާ ދެއްކުމުގެ އޮނިގަނޑެއްގެ މައްޗަށް ކަމަށް ސީއެމްސީން ބުނެފައި ވެއެވެ.
އަލަށްވެވުނު އެއްބަސްވުމާއެކު މިމަހުގެ 1 ވަނަ ދުވަހު ސީއެމްސީން ވަނީ ރަސްމާލެ ސައިޓް-ޖޭ ގައި ހިމެނޭ 29 ހެކްޓަރުގެ ބިން ހިއްކަން ފަށާފަ އެވެ. އަދި 29 ހެކްޓަރު ހިއްކުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމާނެ ކަމަށް ސީއެމްސީން ބުނެއެވެ.
ސީއެމްސީއަކީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، ވޭތުވެދިޔަ ގިނަ އަހަރުތަކުގައި ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ އިތުބާރުހުރި ކުންފުންޏެކެވެ. މިހާރުވެސް ދިވެހި ރައްޔިތުންނަށް ފައިދާކުރަނިވި އެތަކެއް މަޝްރޫއުތަކެއް އެކުންފުނިން ދަނީ ހިންގަމުންނެވެ.
ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެއަކީ ތިމާވެއްޓާ ރައްޓެހި، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި ލޯ ކާބަން، ސޭފް އައިލެންޑް ކޮންސެޕްޓަށް ފެތޭ އެކޯސިޓީއެކެވެ. މިއީ، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމުގެ އިތުރުން، މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ މީހުންނަށް ފަސޭހައިން ޚިދުމަތްތައް ހޯދޭނެހެން ފަރުމާކޮށްފައިވާ “އިންކްލޫސިވް” ސިޓީއެއްކަމަށް ސަރުކާރުން ބުނެފައި ވެއެވެ.



