ބޭރުފައިސާ ގަނެވިއްކުމުގެ ޙަރަކާތްތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރި ވަމުންދިޔަ 2 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
މި ދެމީހުން ހައްޔާރުކޮށްފައި ވަނީ އިމިގްރޭޝަނުން ރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގަ އެވެ.
ރޭ އިރާކޮޅު މާލޭ ޔޫއެސް ޑޮލަރު އޭޓީއެމް ކައިރީ ހިންގި މިއޮޕަރޭޝަނުގައި ހައްޔަރު ކުރި ދެމީހުންނަކީ ފުޅާ ދާއިރާއެއްގައި ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތް ކުރަމުންދާ ދެމީހުންނެވެ. އަދި، އެ ދެމީހުންނަކީވެސް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްއަށް ނިސްބަތްވާ 2 ފިރިހެނުންނެވެ. މި ދެ މީހުން ހައްޔަރުކޮށް މިހާރު ވަނީ ތަހުގީގު ފަށާފަ އެވެ.
އިމިގްރޭޝަނުން ވަނީ، މިި އޮޕަރޭޝަނުގައި ފުލުހުންގެ ޚިދުމަތުން ދެއްވި އެހީތެރިކަން ފާހަނގަކޮށް ޝުކުރު އަދާކޮށްފަ އެވެ.
މިދިޔަ މާޗްމަހުގައި އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް ބޭރުގެ ފައިސާގެ މުއާމަލާތް ކުރަމުން ދިޔަ 6 ބިދޭސީއަކު ޑީޕޯޓްކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.



