10 މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއް ފަރަށް އަރައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑިއެފް) އިން މައުލޫމާތުދިން ގޮތުގައި ނ. ލޯފަރު ފަރަށް އަރާފައިވަނީ ށ. ވަނގާރުން މާލެއަށް ދަތުރުކުރަމުން އައި ދޯންޏެކެވެ.
ރޭ ދަންވަރު ހިނގި މިހާދިސާގައި ފަރަށް އަރާފައިވާ ދޯންޏަކީ ”ނަސްފަރު“ ނަމަކަށް ކިޔާ 75 ފޫޓުގެ ދޯންޏެކެވެ. ދޯނި ފަރަށް އެރިއިރު އޭގައި 10 މީހުން ތިބިކަމަށް އެމްއެންޑީއެފް އިން ބުނި ނަމަވެސް، އެއިން އެއްވެސް މީހަކަށް އަނިޔާ ލިބުނުކަމެއް އަދި ސާފެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑާއި ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އަދި ދޯނީގައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.



