ކުރިއަރު ސާވިސް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މި މަހުގެ 2 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓުން ހިންގި އެ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓުން ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، ކުރިއަރު ސާވިސް މެދުވެރިކޮށް އޭނާ ހަވާލުވި ޕާރުސަލް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 20 ކާޑްރިޖް ފެނުނު ކަމަށް ފުލުހުން މިއަދު ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.



