ސީއެންއެންއިން ހެދި ސަރވޭއަކުން ދައްކާގޮތުގައި، އެމެރިކާގެ ވޯޓު ލެވޭ މީހުންގެ ތެރެއިން ހަތަރުބައިކުޅަ ތިންބައި މީހުން ދެކޭގޮތުގައި މި އަހަރު އެ ޤައުމުގައި އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ޑިމޮކްރެޓިކް ޕާޓީއަށް އެންމެ ރަނގަޅުވާނީ އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ނޫން އެހެން މީހަކު ކުރިމަތިލުމުންނެވެ.
މިއަހަރުގެ ފުރަތަމަ ރިޔާސީ ބަހުސުގައި އުމުރުން 81 އަހަރުގެ ބައިޑެންގެ ފެންވަރު ދަށް ކަމަށް އެމެރިކާގެ ގިނަ ބަޔަކު ދެކެއެވެ. ބަހުސުގައި އޭނާ ބައެއް ފަހަރު ދޭނެ ޖަވާބެއް ނޭނގިފައި ހުރުމާއި، ދިން ޖަވާބުތައް ހަމަނުޖެހޭ ކަމަށް އެ ބަހުސް ބެލި ގިނަ ފަރާތްތަކުން ފާހަގަކޮށްފައިވާ ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓު ތަކުން ބުނެއެވެ. ރިޔާސީ ބަހުސަށް ފަހު، ބައިޑަން އަކީ އެމެރިކާގެ ރައީސް ކަމުގެ މަޤާމަށް އެކަށީގެންވާ މީހެއްތޯ އަދި އިންތިހާބު ކާމިޔާބު ކުރެވިދާނެތޯއާއި މެދު ޑިމޮކްރެޓުން ވަނީ ސުވާލު އުފައްދާފައެވެ. ބަހުސަށް ފަހު ބައިޑަން އަށް މީހުން ތާއީދު ކުރަމުން އައި މިންވަރު ވަނީ ވަރަށް ބޮޑަށް ދައްވެފައިކަމަށް ސާރވޭ ތަކުން ދައްކައެވެ.
އެމެރިކާގެ މައި 2 ޕާޓީ، ޑިކޮމްރެޓިކް ޕާޓީ އަދި ރިޕަބްލިކަން ޕާޓީއިން ކުރިމަތިލާނެ ކަމަށް ބެލެވޭ ދެ ކެންޑިޑޭޓުން ކަމުގައިވާ ބައިޑަން އަދި ޓްރަމްޕް އަށް ވޯޓުދޭނެ މީހުންގެ ތާއީދު އޮތްގޮތް ބެލިއިރު، ޓްރަމްޕް ވަނީ ބައިޑެން އަށްވުރެ 6 ޕޮއިންޓް ކުރިއަށް ޖެހިލާފައެވެ. މިގޮތުން %49 މީހުން ތާއީދުކުރަނީ ޓްރަމްޕަށް ކަމަށާއި، %43 މީހުން ތާއީދުކުރަނީ ބައިޑެންއަށް ކަމަށް ސާރވޭ ތަކުން ދައްކައެވެ.

ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ޓްރަމްޕް ބަލި ކުރެވޭނީ ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓު ބައިޑަން ނޫން އެހެން ފަރާތަކަށް ދީގެން ކަމަށް ގިނަ ބަޔަކު ދެކެއެވެ. އޭގެ ތެރޭގައި އެމެރިކާގެ ކޮންގްރެސް ގެ ބައެއް މެމްބަރުންވެސް ހިމެނެއެވެ. ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ އެރިޒޯނާގެ ކޮންގްރެސްމަން ރައުލް ގްރިޖަލްވާ، ނިއުޔޯކް ޓައިމްސް އާއި ވާހަކަ ދައްކަމުން ބުނީ ”ޑިމޮކްރެޓްސް އިން މިހާރު އެހެން ގޮތެއް ހޯދަން ޖެހިއްޖެ“ ކަމަށެވެ.
ކަން މިހެން އޮތް އިރުވެސް، ބައިޑަން ގެ ކެމްޕޭން ޓީމުން ބުނަނީ މި އަހަރު ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓުގައި ވާދަ ކުރާނީ ޖޯ ބައިޑަން ކަމަށެވެ.




