ރާއްޖޭގެ ހުރިހާ ރަށްތަކަށް ވެމްކޯގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ތިނަދޫ ސިޓީގައިވެސް ވެމްކޯގެ ޙިދުމަތްތައް ފަށައިފި އެވެ.
ތިނަދޫ ސިޓީގައި، ވެމްކޯގެ ޚިދުމަތް އިފުތިތާހުކުރީ، އެކަމަށް ޚާއްޞަކޮށްގެން މިއަދު ހަވީރު ތިނަދޫ މިއުޒިއަމް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްްދެއްވީ، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގެ ވަޒީރު ތޯރިޤް އިބްރާހިމްއެވެ. އެ ރަސްމިއްޔާތުގައި އެ ވުޒާރާގެ އިސް ބޭފުޅުންނާއި، ވެމްކޯގެ ވެރިންނާއި،ތިނަދޫ ސިޓީ ކައުންސިލްގެ މޭޔާރ ސަޢުދް ޢަލީއާއި، ތިނަދޫ ސިޓީ ކައުންސިލްގެ އިސް ބޭފުޅުންނާއި، ތިނަދޫ ސިޓީގެ އެހެނިހެން މުޢައްސަސާތަކަށް ނިސްބަތްވާ ބޭފުޅުންވެސް ބައިވެރިވަޑައި ގެންނެވި އެވެ.

ތިނަދޫގައި ވެމްކޯގެ ޚިދުމަތް އަލަށް ފަށަނީ ގޭބިސީތަކުން އުފައްދާ ދުވަހު ކުނި ނެގުމުގެ ޙިދުމަތުންނެވެ. އެޚިދުމަތަށް ޗާޖުކުރަނީ 150 ރުފިޔާ އެވެ. މީގެއިތުރުން، އަމިއްލަ ގޮތުން ކުނި އުކާލަން ބޭނުންވާ ފަރާތްތަކަށް، ކުނި ބަރުކޮށް ގެންދެވޭ އުޅަނދުގެ ރަޖިސްޓްރީއަށް ބިނާކޮށް ޓަނޭޖަކަށް 108ރ ގެ ގޭޓްފީއެއް ނެގުމަށްފަހު ކުނި އުކާލުމުގެ ފުރުސަތުވެސްދޭނެކަމަށް ވެމްކޯއިން ބުނެފައި ވެއެވެ.
ވެމްކޯއިން ބުނީ، ވިޔަފާރިތަކާއި ސަރުކާރު މުއައްސަސާތަކަށް ވެސް ކުނިއުކައި ދިނުމުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން، ވިޔަފާރިތަކުން ލީޓަރަކަށް 0.16 ރުފިޔާ، އަދި ސަރުކާރު އޮފީސްތަކުން ލީޓަރަކަށް 1.27 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު، ކޮމާޝަލް ގޭޓްފީގެ ގޮތުން ޓަނޭޖަކަށް 2660ރ ގެ ރޭޓުން ޚިދުމަތްތަކަށް އަގުކުރެވިގެންދާނެކަމަށް ވެމްކޯއިން ބުނެފައި ވެއެވެ. އަދި، ކުރިއަށް އޮތް ތާނގައި ބަރު ކުނީގެ ބާވަތްތައް އުކާލުމަށް ދޭ ޚިދުމަތް ކަމަށްވާ ކެޕްސް އަދި ކެޕްސް ލައިޓްގެ ޚިދުމަތް ތިނަދޫ ސިޓީގައި ތަޢާރަފު ކުރާނެކަމަަށްވެސް ވެމްކޯއިން ބުނެފައި ވެއެވެ.
ވެމްކޯއިން ބުނީ، ދިވެހި ރާއްޖޭގެ ކުނި މެނޭޖްކުރުމާއި ބެހޭ ގަވާއިދުގެ 5 ވަނަ އިސްލާހުގައިވާ ގޮތުގެ މަތީން، ޕްލާސްޓިކް، ބަދިގެ ކުނި، ބިއްލޫރި މައުދަން އަދި އެހެނިހެން ކުންޏަށް ކުނި ވަކިކުރުމަށް ފަހުގައި މެނުވީ އުކާލާ ކުންޏާ އެ ކޯޕަރޭޝަނުން ހަވާލުނުވާނެކަމަށެވެ.




