ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 91 ފުލުހުން ހުވާކޮށްފި އެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާލައިދެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ ޢަލްއުސްތާޒު އިބްރާހީމް އިޙްސާން އެވެ. ހުވާކުރުމަށްފަހު އެ ފުލުހުންވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފަ އެވެ.
މި ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 91 ފުލުހުންނެވެ. އެއީ އަންހެން 19 ފުލުހުންނާއި ފިރިހެން 65 ފުލުހުންނެވެ. އޭގެ އިތުރުން ސްޕެޝަލް ކޮންޓަބިއުލަރީ ހަތް ފުލުހުންކަމަށް ފުލުހުން ބުނެފައި ވެއެވެ.
ހުވާކުރުމުގެ ރަސްމިއްޔާތުގައި، ހެޑް އޮފް ސަރވިސް ޑިވެލޮޕްމަންޓް ޑައިރެކްޓްރޭޓް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ އަލީ، ހެޑް އޮފް ހިއުމަން ރިސޯސަސް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްޠާން އަހްމަދު ބިޝާރު، ހެޑް އޮފް ސެރަމަނީސް އޮފިސަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ރަޝީދު އަދި ހެޑް އޮފް ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝަރީފް ބައިވެރިވަޑައިގެންނެވި އެވެ.




