މަސްވެރިންގެ ގައުމީ ދަފްތަރު އެކުލަވާލުުމުގެ މަސައްކަތް އަވަސްކުރަން ފިޝަރީޒް މިނިސްޓްރީގެ ޓީމުތަށް އަތޮޅުތެރޭގައި ހަރަކާތްތެރިވާން ފަށައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މަސްވެރިންގެ ފުރިހަމަ ޤައުމީ ދަފްތަރެއް އެކުލަވައިލުމަށް ކުރަމުންދާ މަސައްކަތްތައް އަވަސް ކުރުމުގެ ގޮތުން ވުޒާރާގެ ޓީމުތައް މި ހަފްތާ ބަންދުގައި އެކި އަތޮޅުތަކުގައި ހަރަކާތްތެރިވާނެކަމަށެވެ.
މަސްވެރިންގެ ގައުމީ ދަފްތަރަކީ، މަސްވެރިންނަކީ ދައުލަތް ބަލައިގަންނަ ބަޔަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ތެރެއިން މަސްވެރިންނަށް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދުފުޅެވެ.
މަސްވެރިންގެ ގައުމީ ދަފްތަރު ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އިފްތިތާހު ކޮށްދެއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެކަމަށް ޚާއްސަކޮށްގެން ށ. ކޮމަންޑޫގައި ބޭއްވި ޖަލްސާއެއްގަ އެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިންގެ ދަފްތަރާއެކު، މާލީ އަދި އިޖުތިމާއީ ހިދުމަތްތައް ހޯދުމުގައި މަސްވެރިންނަށް އިތުރު ފަސޭހައަކަށްވެގެންދާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދުގެ ބާބު-11 ގައި ވާގޮތުން، ދިވެހިރާއްޖޭގައި މަސްވެރިކަމުގައި ހަކަރާތްތެރިވާ އެންމެހާ ފަރާތްތައް ހިމެނޭ މަސްވެރިންގެ ދަފުތަރެއް މިނިސްޓްރީން އެކުލަވާލައި، އެ ދަފުތަރު އަދާހަމަކޮށް ބަލަހައްޓަން ޖެހެއެވެ. އަދި، އެ ދަފުތަރު އެކުލަވާލުމަށްޓަކައި، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެމަތިން، މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތައް ރަޖިސްޓްރީވާން ވާނެ ކަމަށް ގަވާއިދުގައި ބުނެއެވެ.




