ތ. ގާދިއްފުށި ބްރާންޗު ހިންގުމަށް އައު މެނޭޖަރަކު ހަމަޖެއްސީ ކުރިން ހުރި މެނޭޖަރު އެހެން މަގާމަކަށް ބަދަލުކުރުމަށްފަހުގައި ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ތ.ގާދިއްފުށި ބްރާންޗަށް 2 މެނޭޖަރުން ހަމަޖެއްސި ކަމަށް ބުނެ ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި ޝާއިޢުކޮށްފައިވާ ޚަބަރެއް ދޮގުކޮށް، ފެނަކައިން އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ، އެ ކުންފުނީގެ ހިންގުމަށް ގިނަ ބަދަލުތަކެއް ގެނެސް، ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން، ބްރާންޗުތަކާއި ހަވާލުވެ ހުންނަ މެނޭޖަރުން ބަދަލު ކުރުމަކީ ހެދިފައިވާ އުސޫލުތަކުގެ ތެރެއިން ކުރަމުން އަންނަ ކަމެއްކަމަށެވެ. އަދި، އާ މެނޭޖަރަކު އައްޔަންކޮށްފައިވަނީ އެއުސޫލުގެތެރެއިންކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
”ތ. ގާދިއްފުށި ބްރާންޗު ހިންގުމަށް އައު މެނޭޖަރެއް ހަމަޖައްސާފައިވަނީ ވެސް އުސޫލުގެ ތެރެއިން، ކުރިން ހުރި މެނޭޖަރުގެ މަގާމު ބަދަލުކޮށް އެކަން އެފަރާތައް އެން ގުމަށް ފަހުކަން ހުރިހާ މީޑިއާތަކާއި ރައްޔިތުންގެ މަޢުލޫމާތައްޓަކައި ދަންނަވަން.“ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި، އެ ކުންފުނިން ހިންގާ މަޝްރޫޢުތަކާއި ދެމުން ގެންދާ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ހަރުދަނާ ކުރުމަށް ކުރަމުން ގެންދާ އެއްވެސް މަސައްކަތެއް އުސޫލުތަކާއި ހިލާފަށް ނުކުރާނެ ކަމުގެ ޔަޤީންކަން ކަސްޓަމަރުންނާ ހުރިހާ ރައްޔިތުންނަށް އަރުވާކަމަށްވެސް ބުނެފައި ވެއެވެ.
އޮންލައިން ނޫހުގައި މިއަދު ރިޕޯޓްކުރި ޚަބަރުގައި ބުނެފައިވަނީ ޚަރަދު ކުޑަކުރަން ސަރުކާރުގެ ކުންފުނިތަކަށް އަންގާފައި ވަނިކޮށް، ތ. ގާދިއްފުށި ފެނަކަ ބްރާންޗުގައި މެނޭޖަރަކު ހުއްޓައި އާ މެނޭޖަރެއް ނެގިކަމަށެވެ.



