އިނގިރޭސިވިލާތުގެ އާންމު އިންތިހާބު އިދިކޮޅު ލޭބަރ ޕާޓީއިން ބޮޑުތަނުން ކާމިޔާބުކޮށްފިއެވެ.
ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ދިގު 14 އަހަރުގެ ވެރިކަމުގެ ދައުރު ނިމުމަކަށް ގެނެސް، ލޭބަރ ޕާޓީއިން މި އިންތިހާބު ކާމިޔާބު ކުރުން ވެގެން ދިޔައީ އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަހަށް އައި ބޮޑު ބަދަލަކަށެވެ.
އިންތިހާބު ކާމިޔާބު ކުރެއްވި ލޭބަރ ޕާޓީގެ ލީޑަރު އަދި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމާ ދެން ހަވާލުވާނެ ކޭއާރ ސްޓާމަރ، އޭނާގެ ސަޕޯޓަރުންނާއި މިއަދު ހެނދުނު ވާހަކަ ދައްކަމުން ވިދާޅުވީ މިއަދަކީ އެ ޤައުމަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، މިހިނދުން ފެށިގެން އިސްލާހީ މަސައްކަތްތައް ފަށާނެ ކަމަށެވެ.
އިންތިހާބުގެ ވޯޓު ގުނުން އަދިވެސް ކުރިޔަށް ދާއިރު، ޕާލަމެންޓް މެޖޯރިޓީ އަކަށް ބޭނުންވާ 326 ގޮނޑި ލޭބަރ ޕާޓީއަށް ލިބިއްޖެ ކަން މިހާތަނަށް ގުނި ވޯޓުން ވަނީ ކަށަވަރުވެފައެވެ.
މިހާރުގެ އެގްޒިޓް ޕޯލް ތަކުން ދައްކާ ގޮތުން އިންތިހާބު ކާމިޔާބު ކުރި ލޭބަރ ޕާޓީއަށް ލިބޭނީ 410 ޕާލަމެންޓު ގޮނޑިއެވެ. މިހާރު ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީއަށް ލިބޭނެ ކަމަށް ލަފާ ކުރެވެނީ އެންމެ 131 ގޮނޑިއެވެ. މިއީ ކޮންޒަވޭޓީވް ޕާޓީގެ 190 އަހަރުވީ ދިގު ތާރީހުގައިވެސް އެ ޕާޓީއަށް ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީ އެވެ.

އިންތިހާބުން ނާކާމިޔާބުވި ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު އަދި މިހާރުގެ ބޮޑުވަޒީރު ރިޝީ ސުނާކް ވަނީ ބަލި ގަބޫލު ކުރައްވާ، އިންތިހާބު ކާމިޔާބު ކުރެއްވި ސްޓާމަރ އަށް ފޯނުން ގުޅުއްވާ މަރުހާބާ ވިދާޅުވެފައެވެ.
މިއަދުގެ ވަގުތެއްގައި ލޭބަރ ޕާޓީގެ ލީޑަރު ކޭއާރ ސްޓާމަރ ބަކިންހަމް ޕެލެސް އަށް ވަޑައިގެން، އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކަމާއި ހަވާލުވެވަޑައިގަންނަވާނެ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓު ތަކުން ބުނެއެވެ.
ލޭބަރ ޕާޓީ ވެރިކަމާ ހަވާލު މި ވަނީ އިނގިރޭސިވިލާތުގެ އިޤްތިސާދު ނާޒުކު ފައްތަރަކަށް ގޮސްފައިވާ ދަނޑިވަޅެއްގައި ކަން އެ ޕާޓީއިން ޤަބޫލުކުރެއެވެ. އިނގިރޭސިވިލާތުގައި ގެދޮރު ނެތް މީހުން މަގުތައް މަތީގައި ގިނަވަމުންދާ ކަމަށާއި، ޖިނާއީ ކުށްތައް އިތުރުވަމުންދާ ކަމަށާއި އަދި އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށަށް ގޮސްފައިވާ ކަމަށް އެ ޤައުމުގެ ގިނަ ރައްޔިތުން ދެކެއެވެ.
ލޭބަރ ޕާޓީގެ ލީޑަރު ސްޓާމަރ ވިދާޅުވީ ވެރިކަމާއި ހަވާލުވެ ކުރައްވަން ހުރި މަސައްކަތް ނުހަނު ގިނަ ކަމަށާއި، ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ޤައުމުގެ ހާލަތުގެ ރަނގަޅު ކުރުމުގެ މަސައްކަތްތައް މިއަދުން މިއަދަށް ފަށާނެ ކަމަށެވެ. ސްޓާމަރ ގެ ކެބިނެޓަށް އައްޔަނު ކުރާނެ ފަރާތްތައްވެސް މިއަދުގެ ވަގުތެއްގައި އިއުލާނު ކުރާނެ ކަމަށް ބެލެވެއެވެ.




