އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ކީއަރް ސްޓާމަރ އިންތިޚާބުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
އެކްސް (ކުރީގެ ޓްވިޓަރ) ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުއިއްޒު ވަނީ އިނގިރޭސިވިލާތުގެ ޢާންމު އިންތިޚާބުގައި ލޭބަރ ޕާޓީގެ ކެންޑިޑޭޓު ކީއަރ ސްޓާމަރ ކާމިޔާބު ހޯއްދެވުމާ ގުޅިގެން ޕާޓީއަށާއި ސްޓާމަރއަށް ތަހުނިޔާ ދަންނަވާފައެވެ.
އަދި ސްޓާމަރގެ ލީޑަރޝިޕްގެ ދަށުން އިނގިރޭސިވިލާތް އިތުރަށް ތަރައްޤީވެ ކުރިއަރައިގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށާއި، އައު ބޮޑުވަޒީރުގެ ދައުރުގައި ރާއްޖެއާއި އިނގިރޭސިވިލާތުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސް ގެ ޕޯސްޓުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
އިންތިހާބުގެ ވޯޓު ގުނުން އަދިވެސް ކުރިޔަށް ދާއިރު، ޕާލަމެންޓް މެޖޯރިޓީ އަކަށް ބޭނުންވާ 326 ގޮނޑި ލޭބަރ ޕާޓީއަށް ލިބިއްޖެ ކަން މިހާތަނަށް ގުނި ވޯޓުން ވަނީ ކަށަވަރުވެފައެވެ. އެގްޒިޓް ޕޯލް ތަކުން ދައްކާގޮތުން އިނގިރޭސިވިލާތުގައި މިހާރު ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީއަށް ލިބޭނީ އެންމެ 131 ގޮނޑިއެވެ.



