ޔޫރޯ 2024 ފުޓުބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލުގައި ރޭ ފްރާންސް އަތުން ޕޯޗުގަލް ބަލިވެ މުބާރާތުން ކެޓި އިރު، އެ ޓީމުގެ ކެޕްޓަން އަދި ފުޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގެ އެންމެ ފަހުގެ ޔޫރޯ ނިންމާލަން ޖެހުނީ އެންމެ ގޯލެއްވެސް ނުޖެހި އެވެ.
39 އަހަރުގެ ރޮނާލްޑޯ ވަނީ ކުރިޔަށް މިދާ ޔޫރޯ ފުޓުބޯޅަ މުބާރާތަކީ އޭނާ ކުޅޭނެ އެންމެ ފަހުގެ ޔޫރޯ މުބާރާތް ކަމަށް މީގެ ކުރިން މީޑިއާ އިންޓަވިއުއެއްގައި ބުނެފައެވެ. ހަތަރު އަހަރު ފަހުން ދެން އޮންނަ ޔޫރޯ 2028 ގައި ރޮނާލްޑޯ ގެ އުމުރުން 43 އަހަރު ވާނެއެވެ.
ރޭ ޕޯޗުގަލްއާއި ފްރާންސް ބައްދަލު ކުރި މެޗުގެ ޖުމްލަ 120 މިނެޓުގައި ރޮނާލްޑޯ ކުޅުނު އިރު އޭނާއަށް ހެދިފައިވަނީ އެންމެ ޝޮޓެކެވެ. ޕޯޗުގަލުން ޔޫރޯ 2024 ގައި ކުޅުނު މެޗު ތަކުގައިވެސް ރޮނާލްޑޯގެ ފަރާތުން މޮޅު ކުޅުމެއް ނުފެނި، ގޯލު ޖެހުމުގެ ފުރުސަތުތައް ގެއްލުވާލާފައިވާތީ ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ރޮނާލްޑޯ ނުހިމެނުމަށް ޕޯޗުގަލް ގެ ބައެއް ސަޕޯޓަރުން ވަނީ މީސް މީޑިއާގައި އެ ޓީމުގެ ކޯޗަށް ގޮވާލާފައެވެ.
ރޭގެ މެޗުގައި ދެ ޓީމުންވެސް މާ ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި ތަނެއް ނުފެނެއެވެ. ފްރާންސުން ބޮޑަށް ބޯޅަ ހިފައްހައްޓައިގެން ހަމަ ޖެހިލައިގެން ކުޅުނު އިރު، ޕޯޗުގަލް އިން ކުޅެފައިވަނީ ބޮޑަށް ޑިފެންސިވް ކުޅުމެކެވެ. ޕޯޗުގަލް ގެ ރަފައެލް ލިއާއޯ ފްރާންސް ގެ ޕެނަލްޓީ އޭރިއާ ތެރެޔަށް ގިނަ ހުރަސް ތަކެއް ނަގައިދިން ނަމަވެސް، ޕޯޗުގަލް ގެ ސްޓްރައިކަރު ރޮނާލްޑޯ އަށް އެ ހުރަސް ތަކުގެ ބޭނުމެއް ނުހިފުނެވެ.
ފްރާންސް ގެ ތަރި ކީލިއަން އެމްބާއްޕޭ އަށް ވެސް މި މެޗުގައި ގޯލެއް ޖެހޭ ގޮތެއް ނުވެއެވެ. މެޗުގައި އޭނާ ޖުމްލަ 2 ޝޮޓު ހަދާފައިވާއިރު، 36 ޕާސް ކޮށްފައި ވެއެވެ. މެޗުގެ އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި އެމްބާއްޕޭގެ ބަދަލުގައި ފްރާންސްއިން ވަނީ އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ ބާރކޯލާ އަރުވާފައެވެ.
މެޗުގެ 93 ވަނަ މިނެޓުގައި ގޯލު ޖަހަން ރޮނާލްޑޯ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ މަތީ ދަނޑި ކައިރިން ބޭރަށެވެ. ރޭގެ މެޗުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހުމުގެ ސަބަބުން މެޗު ދިޔައީ ޕެނަލްޓީ ޝޫޓްއައުޓް އަކަށެވެ. ޕެނަލްޓީ ޝޫޓްއައުޓް ގައި ޕޯޗުގަލް ގެ ފޯވަޑް ޖޮއާއޯ ފީލިކްސް ޖެހި ޕެނަލްޓީ ދިޔައީ ގޯލުގެ ދަނޑީގައި ޖެހިފައި ބޭރަށެވެ. ރޭގެ މެޗުން ފްރާންސް މޮޅުވީ ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށް، 4-5 ގެ ނަތީޖާ އަކުންނެވެ.
ޔޫރޯ 2024 ގެ ސެމީ ފައިނަލުގައި ފްރާންސް ބައްދަލު ކުރާނީ ސްޕެއިން އާއެވެ. އެ މެޗު އޮންނާނީ ޖުލައި 10 ވާ އަންނަ ބުދަ ދުވަހުގެ ރޭ 12:00 ގައެވެ.




