ގަވާއިދާ ޚިލާފަށް ”ކޮފީ ޝޮޕް“ ހިންގަމުންދިޔަ 8 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
އިމިގްރޭޝަނުން ބުނީ މި 8 މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް-1 ގައި ގަވާއިދާ ޚިލާފަށް ޓޭކްއަވެއި ކޮފީ ޝޮޕް ހިންގާ ބިދޭސީން ހޯދުމަށް ”ޖޮއިންޓް ޓާސްކް ފޯސް“ އިން ރޭ ކުރިޔަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއް ގައި ކަމަށެވެ. އަދި، މިއޮޕަރޭޝަނުގައި މިފަދަ ވިޔަފާރިތައް ހިންގާކަމަށް ތުހުމަތު ކުރެވޭ ތަންތަން ބަލައި 8 މީހަކު ހައްޔަރުކޮށް، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
”ޖޮއިންޓް ޓާސްކް ފޯސް“ އަކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަންތައް ހިންގުމަށް ތަންފީޒީ އިދާރާތައް ހިމެނޭގޮތަށް އެކުލަވާލާފައިވާ ޓާސްކް ފޯރސް އެކެވެ. މި ފޯރސް އިން ދަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ އަދި ވަގު ވިޔަފާރިއާއި ހަށި ވިއްކުމުގެ ވިޔަފާރީގައި ޝާމިލުވާ ބިދޭސީން ހޯދުމަށް ދޭތެރެ ދޭތެރެއިން ޚާއްސަ ރެއިޑް އޮަޕަރޭޝަންތައް ހިންގަމުންނެވެ.
ޓާސްކް ފޯރަސްއިންނާ ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ހައްޔަރުކުރާ މީހުންގެ ތެރެއިން، ގަވާއިދާ ޚިލާފަށް އުޅޭ މީހުންނާއި ވަގު ވިޔަފާރިތަކުގައި ޝާމިލުވާމީހުންނާއި، އަދި ހުއްދަ ހޯދާފައިވާ ވިޔަފާރި ނޫން އެހެން ވިޔަފާރިތަކުގައި ހުއްދަނެތި ހަރަކާތްތެރިވާ ބިދޭސީން ދަނީ ޑީޕޯޓްކުރަމުންނެވެ. އަދި ހައްޔަރަށް ގެނެވޭ މީހުންގެ ތެރެއިން ލިޔެކިޔުން ނުހުންނަ މީހުން، އެމީހުން ނިސްބަތްވާ ގައުުމުތަކުގެ ހައިކޮމިޝަން ނުވަތަ އެމްބަސީއާއި ގުޅިގެން ލިޔުން ހޯދައި އަޅަންޖެހޭ ފިޔަވަޅުތައްވެސް ދަނީ އަޅަމުންނެވެ.





1 Comment
ހުޅުމާލެ އިނޑިޔާ އެމްބަސީ ދޮރުމަތީގައި މަގު ހުރަސް ކުރީމާ ގަސްގަނޑެއްގެ ދޭތެރޭ އެބަ އިން ޓްރެވަލް އެޖެންސީ އެއް ބޭރު މީހުން އޮޕަރޭޓް ކުރާ.
އެތަނުގައި ދޮރު މަތީ އިންނަނީ ދިވެހި ފުލުހެއް. އެމްބަސީ ޑިއުޓީ ފުލުސް މީހާ ޑިއުޓީއަށް އިންނަނީ ޓްރެވަލް އެޖެންސީ ދޮރުމަތީގައި.
މަޖާ ކަމެއް މިއީ.