ޕަޓިނާ މޯލްޑިވްސްގެ 15 މުވައްޒަކު އެމްއެންޑީއެފް އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯސް ފުރިހަމަކޮށްފި އެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހިންގާ މި ކޯސް ބޭއްވީ ޖުލައި 2 އިން 5 އަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގަ އެވެ. އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހުގައި އެ ރިސޯޓުގައި މަސައްކަތްކުރާ 15 މުވައްޒަފުން ބައިވެރި ކޯސް ފުރިހަމަކޮށްފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.
މި ކޯހުގައި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލުކުރަން ޖެހޭނެ ގޮތްތަކާއި، އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތައް ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތްތައް ބައިވެރިންނަށް ދަސްކޮށްްދީފައި ވެއެވެ. މީގެ އިތުރުން ފިޒިކަލް ޓްރެއިނިންގ، ފަޔަރ ބިހޭވިއަރ، ފަޔަރ ޑިޓެކްޝަން އެލާމް ސިސްޓަމް، ފިކްސްޑް ފަޔަރ ފައިޓިންގ ސިސްޓަމް، ފަޔަރ ޕޯޓަބަލް ޕަމްޕު އަދި އިންސިޑެންޓް ކޮމާންޑް ސިސްޓަމާއި ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް ބޭނުންކުރާނެ ގޮތްތައް ވެސް ބައިވެރިންނަށް ވަނީ ދަސްކޮށްްދީފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
ޕަޓިނާ މޯލްޑިވްސްގެ މުވައްޒަފުންނަށް ހިންގި އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ މުދައްރިބުންނެވެ.




