ގައުމީ އެއާލައިން، މޯލްޑިވިއަނުން މިއަދު މާލެއާއި ޑާކާއާ ދެމެދު ދަތުރުުކުރުމަށް ތާވަލު ކުރެވިފައިވާ Q2-502 އަދި Q2-2502 ފްލައިޓްތައް ކެންސަލްކޮށްފި އެވެ.
މޯލްޑިވިއަނުން ބުނީ، ފްލައިޓްތައް ކެންސަލްކުރީ، ދިވާވި ޓެކްނިކަލް މައްސަލައަކާހުރެ ކަމަށެވެ. އަދި، ދަތުރުތައް ކެންސަލްވުމުގެ ސަބަބުން ދަތުރުވެރިންނަށް ކުރިމަތިވި ދަތިތަކަށް އެކުންފުނިން ވަނީ މައާފަށް އެދިފަ އެވެ.
މޯލްޑިވިއަނުން ބުނީ، ދިމާވި މައްސަލަ ހައްލުކުރުމަށާއި، ދަތުރު ކެންސަލް ކުރުމުގެ ސަބަބުން އޭގެ އަސަރުކުރި ފަސިންޖަރުންނަށް އެހެން ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެ ކުންފުނީގެ ޓީމުތަކުން މިހާރު މަސައްކަތްކުރަމުންދާކަމަށެވެ.
މި މައްސަލައާ ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް 1671 ނަންބަރަށް ގުޅުމަށާއި، ނުވަތަ cc@iasl.aero އަށް އީމެއިލް ކުރުމަށް އައިލެންޑް އޭވިއޭޝަނުން އިރުޝާދު ދީފައި ވެއެވެ. އަދި ޑާކާގައި ތިބި ފަސިންޖަރުން 8801708810798+ ނަންބަރަށް ގުޅުމަށްވެސް އެ ކުންފުނިން އަންގާފައި ވެއެވެ.
މޯލްޑިވިއަނުންވަނީ، މި ހާލަތުގައި ދަތުރުވެރިން ކެތްތެރިވެ، އެކުންފުންޏަށްދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށް، އިތުރު އަޕްޑޭޓްތަކަށް ސަމާލުވެ ތިބުމަށް އެދިފަ އެވެ. މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.




