އިޒްރޭލުގެ ޖަލުތަކުގައި ގައިދުކޮށްފައި ތިބި ފަަލަޞްޠީނުގެ ރައްޔިތުންގެ އަދަދު 9،000އަށް ވުރެ މައްޗަށް އަރައިިފި އެވެ.
ފަލަޞްޠީނުގެ ގައިދީންނާއި ބެހޭ ކޮމިޝަނާއި، ގައިދީންނާއި ބެހޭ ޖަމްއިއްޔާއިން ބުރާސްފަތި ދުވަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލުގެ އަސްކަރީން ގާޒާގައި ހިންގަން ފެށި ގަތުލްއާންމުގެ ފަހުން، ފަލަޞްޠީނުގެ 9،520 މީހުން ހިފާ ހައްޔަރުކޮށް އިޒްރޭލުގެ ޖަލުތަކުގައި ގައިދުކޮށްފައިވާކަމަށެވެ.
އެބަޔާނުގައި ވާގޮތުންނަމަ، ގައިދީންގެ ތެރޭގައި ގެތަކަށްވަދެ ހައްޔަރުކުރި މީހުންނާއި، އަސްކަރީ ޗެކްޕޮއިންޓްތަކުން ހައްޔަރުކުރި މީހުންނާއި، ބާރުގެ ބޭނުންކޮށް މަޖުބޫރުކުރުވައިގެން ގައިދުކުރި މީހުންނާއި، ރަހީނުންގެ ގޮތުގައި ހިފެހެއްޓިފައިވާ މީހުން ހިމެނެއެވެ.
މީހުން ގައިދުކޮށްފައިވަނީ ރާމުﷲ، ހިބްރޫން، ތުލްކަރްމް އަދި ގަލްގިލްޔާއިން ކަމަށްވާއިރު، މީގެ ތެރޭގައި ހުޅަނގު އައްސޭރިން ގައިދުކުރި 10 މީހުން ހިމެނޭކަމަށް ބަޔާނުގައި ވެއެވެ. އަދި ތުލްކަރްމްއިން ހައްޔަރުކުރި މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނޭކަމަށް ބަޔާނުގައި ވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި ހައްޔަރުކުރުންތަކާއެކު ބަންދުމީހުންނާއި އެމީހުންގެ އާއިލާތަކަށް ހަމަލާދީފައިވާ ކަމަށާއި، އަދި ރައްޔިތުންގެ ގެތަކަށް ފުޅާ ދާއިރާއެއްގައި ހަމަލާދީ ހަލާކުކޮށް ވީރާނާކޮށްފައިވާ ކަމަށެވެ. މި ހައްޔަރުކުރުންތަކަކީ އިސްރާއީލުން ފަލަސްތީނުގެ މައްޗަށް ކުރަމުންދާ އަނިޔާވެރިކަމުގެ ބައެއް ކަމަށްވެސް މި ދެ ޖަމްޢިއްޔާއިން ފާހަގަކޮށްފައި ވެއެވެ.
އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒޭރޭލުން ފަލަޞްޠީނުގައި ހިންގަމުންދާ އިންސާނިއްޔަތާއި ޚިލާފު ޖަރީމާތަކާއި، ގަތުލްއާންމުތަކުގައި މިހާތަނަށް 38،098 މީހުން ޝަހީދުވެފައިވާއިރު، އިތުރު 87،705 މީހަކަށް ވަނީ އަނިޔާވެފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންކަމަށް ރިޕޯޓްތައް ބުނެއެވެ.


