މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާ ދިމާކޮށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) އިން ކުރިޔަށްގެންދާ ”ސުޒުކީ ފުޓުބޯޅަ ފޯރި 2024“ ޕްރޮމޯޝަނާއި ގުޅުވައިގެން، އެކުންފުނީގެ ނަމުގައި ބަޔަކު މީހުން ސްކޭމްތަކެއް ހިންގަމުންދާކަމަށް އެކުންފުނިން ބުނެފި އެވެ.
އެ ޕްރޮމޯޝަންގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ސަމާލުކަމަށް އެމްޓީސީސީން މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި ލިޔުމެއްގައި ބުނެފައިވަނީ، އެމްޓީސީސީގެ ނަމުގައި މި ޕްރޮމޯޝަންގައި ބައިވެރިވެފައިވާ ފަރާތްތަކަށް އޮޅުވާލައިގެން ޕިޝިންގ ސްކޭމް އެއް ކުރިޔަށްގެންދާކަން ފާހަނގަ ކުރެވިފައިވާކަމަށެވެ. އަދި، ސްކޭމް ހިންގާ ފަރާތްތަކުން ލިންކްތަކާއި މެސެޖުތައް ޕްރޮމޯޝަންގެ ބައިވެރިންނަށް ފޮނުވަމުންދާކަން ފާހަނގަކޮށް އެމްޓީސީސީންވަނީ އެކަމަށް ހުށިޔާރުވުމަށް ކަސްޓަމަރުންނަށް އިލްތިމާސްކޮށްފަ އެވެ.
”މި ޕްރޮމޯގައި ބައިވެރިވެފައިވާ ފަރާތްތަކަށް ވަކި ވަގުތެއްގެ ކުރިން ރަޖިސްޓްރީ ވާންކަމަށްބުނެ އެއްވެސް މެސެޖެއް ނުވަތަ ލިންކެއް ފޮނުވާފައިވާނަމަ، މިކަމަށް ސަމާލުވެ، ހުށިޔާރުވުމަށް ދަންނަވަން.“ އެމްޓީސީސީގެ ސަމާލުގައި ބުނެފައި ވެއެވެ.
އެމްޓީސީސީން ވަނީ މިފަދަ ސްކޭމެއްގައި ޖެހި ޕާސްވޯޑް ދެވިފައިވާނަމަ އަވަހަށް ޕާސްވޯޑް ބަދަލުކުރެއްވުމަށް އެދިފަ އެވެ. އަދި، އިތުރު ރައްކާތެރިކަމަށް އޯޓީޕީ އެއްވެސް ފަރާތަކާއި ހިއްސާނުކުރުމަށާއި، ޓޫ ފެކްޓަރ އޮތެންޓިކޭޝަން އެކްޓިވޭޓްކޮށްފައި ބެހެއްޓުމަށް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
”ސުޒުކީ ފުޓުބޯޅަ ފޯރި 2024“ ސުޒުކީ އިންޖީނާއި, ސުޒުކީ އިންޖީނުގެ ސްޕެއަރ ޕާރޓްސް, ސުޒުކީ އިންޖީނުގެ އަޑީތެލާއި ގިޔަރުތެޔޮ އަދި މީގެ އިތުރުން މެރޯލް އައުޓްބޯޑުގެ ސްޓިއަރިންގ ސިސްޓަމް ބައްލަވައިގަންނަވާ ފަރާތްތަކަށް ޙާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާގޮތަށް މެއި މަހުގެ 15 އިން ޖުލައި 15 އިގެ ނިޔަލަށް އެކުންފުނިން ކުރިޔަށްގެންދާ ޕްރޮމޯޝަންއެެކެވެ.
މި ޕްރޮމޯޝަންގެ މަޤްސަދަކީ އައުޓްބޯޑު އިންޖީނު ހެޔޮއަގުގައި ގަންނަން ބޭނުންވާ ފަރާތްތަކާއި, ސުޒުކީ އައުޓްބޯޑު އިންޖީނު މަރާމާތު ކުރުމާއި, މެއިންޓެނެންސްގެ މަސައްކަތްތަކަށް ބޭނުންވާ ސްޕެއާރ ޕާރޓްސް ގަންނަން ޝައުޤުވެރިވާ ފަރާތްތަކަށް ހެޔޮ އަގެއްގައި ސާމާނު ފޯރުކޮށްދިނުން ކަމަށް އެމްޓިސީސީން އެ ޕްރޮމޯޝަން އިފްތިތާހުކުރި ދުވަހު ބުނެފައި ވެއެވެ.




