އިސްލާމިކް ރިޕަބްލިކް އޮފް އީރާނު އިންތިޚާބީ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާންއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒު ތަހުނިޔާ ވިދާޅުވެފައިވަނީ، މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ އީރާނުގެ ޕެޒެޝްކިއާންގެ ޒައާމަތުގައި، ދިވެހިރާއްޖެއާއި އީރާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި އެކުގައި މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ އިންތިޚާބީ ރައީސް ޕެޒެޝްކިއާންގެ ދައުރުގައި އީރާނަށާއި އެ ސަރަޙައްދަށް ކުރިއެރުމާއި ތަނަވަސްކަން ލިބި، ޞުލްޙަމަސަލަސްކަން ޤާއިމުކުރެއްވުމަށް ކާމިޔާބު ލިބިވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ.
މި މެސެޖުން ދޭހަވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހި ސަރުކާރުން ބޭނުންވާކަމާއި، އީރާނުގެ އަލަށް އިންތިޚާބުވި ރައީސްގެ ދައުރުގައި މުޅި ސަރަޙައްދަށް ކުރިއެރުމާއި ތަރައްޤީ ގެނެސްދެއްވާނެކަމަށް އުއްމީދުކުރައްވާކަމެވެ.
ޑރ، ޕެޒެޝްކިޔާން ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ، އިންތިޚާބުގެ ދެވަނަބުރުގައި %55 އިން ކުރި ހޯއްދަވައިގެންނެވެ.
އިރާނުގައި އާ ރައީސަކު އިންތިޚާބުކޮށްފައި މިވަނީ ރައީސްކަމުގައި ހުންނެވި އިބްރާހިމް ރައީސީ އަވަހާރަވުމާއި ގުޅިގެންނެވެ.



