ހިޖުރީ އައު އަހަރެއްގައި، ދިވެހި ރައްޔިތުން އެއްބައިވަންތަވެ، މިއަދު އައު ކުރަންވީ އެއް ޢަޒުމަކީ، ޤައުމުގެ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށް ވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ، ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގަ އެވެ.
އެމަނިކުފާނުގެ ޚިޠާބުގައި، މަދީނާގައި ކީރިތި ރަސޫލާ صلى الله عليه وسلم ހޭދަކުރެއްވި ދުވަސްތަކުން އަޅުގަނޑުމެންނަށް ފެންނާން އޮތީ، މުސްލިމުންގެ މެދުގައި ގުޅުން ބަދަހިކޮށް އަޚްވަންތަކަން ވަރުގަދަކުރެއްވުމަށް އެކަލޭގެފާނު އިސްކަން ދެއްވިކަމެވެ. އަދި، ކީރިތި ރަސޫލާ صلى الله عليه وسلم ގެ މުޅި ދިރިއުޅުއްވުމުންވެސް ފެންނާން އޮތީ، ނަމޫނާ ލިބިގަންނަން ޖެހޭ ކަންތައްތައް ބަޔާން ކުރައްވައި މިސާލު ޖެއްސެވި އެވެ.
”މަދީނާގައި އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅުތަކުގެ ކާމިޔާބުން ލިބޭ އެއް ފިލާވަޅަކީ، ޤައުމެއްގެ ކުރިއެރުމަށްޓަކައި ރައްޔިތުންގެ އެއްބައިވަންތަވުން މުހިންމުކަމެވެ. ޢާއިލާތައް ބަދަހިވާން ޖެހޭކަމެވެ. މުރާލިކަމާއި ހީވާގިކަމާއެކު މަސައްކަތްކުރަން ޖެހޭކަމެވެ. އަވަށްޓެރިކަމުގެ ގުޅުންތައް ދަމަހައްޓަން ޖެހޭކަމެވެ. ކޮންމެ ފަރުދަކުވެސް ފުދުންތެރި ދިރިއުޅުމަކަށް އަމާޒު ހިފަން ޖެހޭކަމެވެ. އިސްރާފު ނުކުރުމާއި، ބޭކާރު ޚަރަދުތައް ދޫކޮށްލުމުގެ އާދަ އެންމެން ހިފައިފިނަމަ، މުޅި ޤައުމުގެ އިޤްތިޞާދު ހަރުދަނާވާނޭކަމެވެ. އެންމެންގެ މަންފާއަށްޓަކައި އެކަށައެޅިފައިވާ ޤާނޫނުތަކާއި އުޞޫލުތައް ތަންފީޒުވާން ޖެހޭކަމެވެ.“ ރައީސްވިދާޅުވެފައި އެވެ.
ރައީސް ވިދާޅުވީ، ހިޖުރީ އައު އަހަރެއްގައި، ދިވެހި ރައްޔިތުން އެއްބައިވަންތަވެ، މިއަދު އައު ކުރަންވީ އެއް ޢަޒުމަކީ، ޤައުމުގެ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށް ވުންކަމަށެވެ. ވޭތުވެ މިދިޔަ އެތައް އަހަރަކު އަޅައިނުލެވި ދޫކޮށްލާފައި ހުރުމުގެ ސަބަބުން، ދިވެހި ފަސްގަނޑުގައި، ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް އެތައް ބިދޭސީއަކު ދަނީ ދިރިއުޅެމުންދާކަމާއި، މަސްތުވާތަކެއްޗާއި، ގޭންގު ކުށްތައް ފަދަ ކަންކަން ހުއްޓުވައި، މީހުންނަށް ހެޔޮ ވިސްނައިދިނުމުގައި މުޖްތަމަޢުވަނީ އިހުމާލުވެފައިވާކަން އެމަނިކުފާނު ބަޔާންކުރެއްވި އެވެ. އަދި ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުމާއި ޚަރަދުބަރަދު ކުޑަކުރުން ފަދަ އާދަތަކަށް އަހުލުވެރިވުން ކުޑަކަން ފާހަނަގަކުރެއްވި އެވެ.
”މާނަވީ ގޮތުން ބަލާއިރު، ހިޖުރަކުރުމުގެ މާނައަކީވެސް އިންސާނާ ހުރި ޙާލަތުން، އެއަށްވުރެ ރަނގަޅު ހެޔޮ ގޮތްތަކަކަށް ރުޖޫޢަވުމެވެ. ވީމާ، އައު އަހަރާއެކު އަޅުގަނޑުމެންގެ ޢަޒްމަކަށް ވާންވީ، ދިވެހިރާއްޖޭގެ މާދަމާގެ ސަލާމަތާއި، ފުދުންތެރިކަމާއި، ތަމައްދުނަށްޓަކައި ސަރުކާރުން ފަށާފައިވާ އިޞްލާޙީ އަދި ބިނާކުރަނިވި މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމެވެ. އެންމެން އެއް ރޫޙެއްގައި މި ޤައުމުގެ ކުރިމަގަށްޓަކައި މަސައްކަތް ފެށުމެވެ.“ ރައީސް ވިދާޅުވި އެވެ.
ހިޖްރީ ސަނަތުން 1446 ވަނަ އަހަރާ އަޅުގަނޑުމެން ބައްދަލުކުރާއިރު، މުޅި އިސްލާމީ އުންމަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، ފަލަޞްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި، ހަނގުރާމައިގެ ނާމާން ޙާލަތްކަން ފާހަނގަ ކުރައްވައި ރައީސް ވިދާޅުވީ، މުޅި އުންމަތަށް ކުރިމަތިވެފައިވާ މިފަދަ ހުރިހާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ”މިއީ އެއް އުންމަތެއްކަމުގައި“ ކީރިތި ޤުރްއާނުގައި ދެއްވާފައިވާ މަތިވެރި އިރުޝާދު ނަގަހައްޓައި، މުސްލިމުންގެ މެދުގައި އޮތް އެހީތެރިކަމާއި، އެއްބާރުލުމާއި، ގުޅުންތައް ވަރުގަދަކުރަން ޖެހޭ ކަމަށެވެ.
”އިރާދަކުރެއްވިއްޔާ، އިސްލާމީ އުންމަތުގެ ޙައްޤުގައި އަޑުއުފުލުމަށް އިސްނަގާ، އަދި އުންމަތުގެ ކުރިއެރުމަށްޓަކައި ޖޯޝާއެކު މަދަދުދޭ ބަޔެއްގެ ގޮތުގައި ދިވެހީން އަބަދުވެސް ދެމިތިބޭނަމެވެ.“ ރައީސް ވިދާޅުވެފައި ވެއެވެ.
ރައީސްގެ ޚިޠާބު ނިންމަވާލެއްވީ، މި ފެށުނު އައު އަހަރަކީ، ކީރިތި ﷲގެ މަދަދާއި ރަޙްމަތާއެކު، ދިވެހިރާއްޖެއަށް ފާގަތި އަހަރެއް ކަމުގައި، އަދި ތަރައްޤީގެ ރޮނގުގައި ދިވެހީން އެދޭ އެތައް އުންމީދެއް ޙަޤީޤަތަކަށް ވާނޭ އަހަރެއް ކަމުގައި ހެދުމަށް ރެޔާދުވާލު ހިންމަތާއެކު ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އަރުވަމުންނެވެ. އަދި، ދިވެހީންގެ އުޖާލާ މުސްތަޤްބަލެއް ބިނާކުރުމަށް ކުރައްވާ އިޚްލާޞްތެރި މަސައްކަތުގައި މާތްﷲ ބަރަކާތްލައްވައި، މި ލޮބުވެތި ވަޠަން ސިލްމާއި ސަލާމަތާއި، މަޖްދާއި އުފާފާގަތިކަމުގައި އަބަދުމެ ލެހެއްޓެވުމަށް އެދީ ދުއާކުރައްވަމުންނެވެ.




