ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ)ގެ ސަބްސްޓޭޝަނެއްގެ ކޭބަލެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެެވެ.
މިމަހުގެ 2 ވަނަ ދުވަހު ވަގަށް ގެންގޮސްފައިވަނީ މަޖީދިއްޔާ ސްކޫލް ސަރަޙައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލެކެވެ. އެގޮތުން، ޓްރާންސްފޯމަރަށް ގުޅާފައިވާ އެ ސްޓޭޝަންގެ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ބުރިކޮށް، ނެގުމަށްފަހު އަނެއް ކޭބަލް ބުރިކުރުމަށް މަސައްކަތްކޮށްފައިވާކަމަށް ސްޓެލްކޯއިން އެދުވަހު ބުންޏެވެ.
ސްޓެލްކޯއިން އެދުވަހު މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން ފުލުހުން ދިޔައީ އެ މައްސަލަަ ތަހުގީގު ކުރަމުންނެވެ. މިއަދު، ފުލުހުން ބުނީ، ކޭބަލް ވަގަށްނެގިކަމުގެ ތުހުމަތުގައި 32 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށާއި، އަދިވެސް އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
ސްޓެލްކޯގެ ކޭބަލް ވަގަށް ގެންދިއުމާއި ގުޅިގެން އެދުވަހު ހެންވޭރުގެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނެވެ. އެ ހާދިސާއާއި ގުޅިގެން އެދުވަހު މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހި މަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުން ސްޓެލްކޯއިން ވަނީ އައު ކޭބަލެއް އަޅައި ހަމަ އެދުވަހު ކަރަންޓްގެ ޚިދުމަތް އަލުން ފޯރުކޮށްދިނެވެ.



