މޯލްޑިވްސް މާކެޓިން އެންޑް ޕަކްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޯޑަށް ދެ މެމްބަރުން އައްޔަންކޮށްފި އެވެ.
އެމްއެމްޕީއާރްސީގެ ބޯޑު މެންބަރުކަމަށް އައްޔަނުކޮށްފައިވަނީ އަބްދުލް ސަމީއު އިމާދާއި އައިޝަތު ހަމީދެވެ. މި ދެބޭފުޅުންނަށް އެމްއެމްޕީއާރްސީން ވަނީ މަރުހަބާ ދަންނަވާފަ އެވެ. އަދި މި ދެބޭފުޅުންވެސް މިހާރުވަނީ މަގާމުގެ މަސްއޫލިއްޔަތު ތަކާއި ހަވާލުވެ ޒިންމާ އަދާކުރައްވަން ފަށްޓަވާފަ އެވެ.
އަބްދުލް ސަމީއު އިމާދަކީ ފަތުރުވެރިކަމުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި އައިޝަތު ހަމީދަކީ މާކެޓިންގ ދާއިރާއިންގައި މީގެ ކުރިން މަސައްކަތްކުރައްވާފައިވާ ކަނބަލެކެވެ.
އެމްއެމްޕީއާރްސީގެ މެންބަރުކަމަށް ބޭފުޅުން އައްޔަންކޮށްފައި މިވަނީ އެ ކުންފުނީގެ ބައެއް ބޯޑުމެންބަރުން ވަކިކޮށް އަދި މެންބަރުން އިސްތިއުފާދެއްވާފައިވާތީ ހުސްވެފައިވާ މަގާމުތަކަށެވެ.
އެމްއެމްޕީއާރްސީގެ ހުސްވެފައިވާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިިދިޔަމަހުގެ ތެރޭގައިވަނީ އިބްރާހިމް ޝިއުރީ އައްޔަނުކުރައްވާފަ އެވެ.
އެމްއެމްޕީއާރްސީ އަކީ ރާއްޖޭގެ ފަތުުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި އިޝްތިހާރުކުރުމުގެ މަސްއޫލިއްޔަތު މަތި ކުރެވިފައިވާ ކުންފުންޏެކެވެ.



