ރައްޔިތުންގެ މަޖިލިސް ކުރިމަތީ ޕާކިން ޒޯނުގައިހުރި ސައިކަލުތަކެއް އަންދާލި މައްސަލައިގައި ފުލުހުން ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
މިދިޔަ މަހުގެ 4 ވަނަ ދުވަހުގެ ރޭ މެންދަމު 03:03 އެހާކަންހާ އިރު ޕާކިން ޒޯނުގައިހުރި ސައިކަލުތަކެއް އަންދާލި މައްސަލައިގައި ތުހުމަތުގައިި، މިދިޔަ މަހުގެ 6 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވަނީ، މާލެ، ހ.ފޯސީޒަން، ފައިރޫޒް އިބްރާހިމް (36އ) އެވެ. އެދުވަހު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރެއް ނެރެދިނެވެ. އެ މުއްދަތު އިއްޔެއަށް ހަމަވުމާއެކު، އޭނާގެ ބަންދުގެ މުއްދަތު މުރާޖާއަކުރަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެދީފަ އެވެ. އެ އަމުރުގައި، އޭނާ ކުރިކަމަށް ތުހުމަތުކުރާ ކުށުގެ އަމަލު ހިންގާފައިވާ ގޮތުން އެތައް ބައެއްގެ މުދަލަށް އަދި ފުރާނައަށް ގެއްލުންވުމުގެ ފުރުސަތު އޮތްކަމަށް ގަބޫލުކުރެވޭ ކަމަށް ބުނެފައި ވެއެވެ.
ފުލުހުންގެ ވަނީ ފައިރޫޒުގެ މައްޗަށް ދައުވާ ކުރަން އިއްޔެ ޕްރޮސެކިއުޓަރ ޖެނެރަލް(ޕީޖީ) އޮފީހަށް ފޮނުވާފަ އެވެ. އޭނާގެ މައްޗަށް ކުރަނީ މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އެވެ.
މި ހާދިސާގައި ހަތް ސައިކަލަކާއި ވޭނަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން ތިން ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ.



