ހިޖުރީ އާ އަހަރުގެ ތަހުނިޔާ އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، 1446 ވަނަ އިސްލާމީ އައު އަހަރު އައުމުގެ މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ރައީސް ތަހުނިޔާ ވިދާޅުވެފައި ވާކަމަށެވެ.
އިސްލާމީ ގައުމުތަކުގެ އިސްވެރިންނަށް ވަކިވަކިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި އައު އަހަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އިސްލާމީ އަޚުންނާއި އުޚުތުންނަށް އުފާވެރިކަމާއި، ހަމަޖެހުމާއި، އެއްބައިވަންތަކަން ގެނެސްދެއްވުމަށާއި، ޚާއްސަގޮތެއްގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް މާތްاللهގެ ރަޙްމަތާއި ބަރަކާތް ލެއްވުން އެދި އެމަނިކުފާނު ދުޢާ ދަންނަވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މާތްالله، އިސްލާމީ އުންމަތުގެ ސުލްހަ މަސަލަސްކަމާއި، އެއްބައިވަންތަކަމާއި، އުފާ ފާގަތިކަމަށްޓަކައި ގައުމުތަކުގެ ގުޅުން ވަރުގަދަކުރެއްވުން އެދި ދުޢާ ދަންނަވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ހިޖުރީ އާ އަހަރުގެ މުނާސަބާގައި ހުރިހައި ރައްޔިތުންނަށްވެސް ތަހުނިޔާ ފޮނުއްވާފަ އެވެ. އެމަނިކުފާނު ތަހުނިޔާ ވިދާޅުވެފައިވަނީ، ދުވަހާއި ގުޅުވައިގެން ފޮނުއްވި ޚިޠާބުގައެވެ. އެ ޚިޠާބުގައި ދިވެހި ރައްޔިތުން އެއްބައިވަންތަވެ، މިއަދު އައު ކުރަންވީ އެއް ޢަޒުމަކީ، ޤައުމުގެ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށް ވުންކަމަށް ވިދާޅުވެފައި ވެއެވެ. އަދި، ވޭތުވެ މިދިޔަ އެތައް އަހަރަކު އަޅައިނުލެވި ދޫކޮށްލާފައި ހުރުމުގެ ސަބަބުން، ދިވެހި ފަސްގަނޑުގައި، ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް އެތައް ބިދޭސީއަކު ދަނީ ދިރިއުޅެމުންދާކަމާއި، މަސްތުވާތަކެއްޗާއި، ގޭންގު ކުށްތައް ފަދަ ކަންކަން ހުއްޓުވައި، މީހުންނަށް ހެޔޮ ވިސްނައިދިނުމުގައި މުޖްތަމަޢުވަނީ އިހުމާލުވެފައިވާކަން އެމަނިކުފާނު ބަޔާންކުރެއްވި އެވެ. އަދި ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުމާއި ޚަރަދުބަރަދު ކުޑަކުރުން ފަދަ އާދަތަކަށް އަހުލުވެރިވުން ކުޑަކަން ފާހަނަގަކުރެއްވި އެވެ.
“މާނަވީ ގޮތުން ބަލާއިރު، ހިޖުރަކުރުމުގެ މާނައަކީވެސް އިންސާނާ ހުރި ޙާލަތުން، އެއަށްވުރެ ރަނގަޅު ހެޔޮ ގޮތްތަކަކަށް ރުޖޫޢަވުމެވެ. ވީމާ، އައު އަހަރާއެކު އަޅުގަނޑުމެންގެ ޢަޒްމަކަށް ވާންވީ، ދިވެހިރާއްޖޭގެ މާދަމާގެ ސަލާމަތާއި، ފުދުންތެރިކަމާއި، ތަމައްދުނަށްޓަކައި ސަރުކާރުން ފަށާފައިވާ އިޞްލާޙީ އަދި ބިނާކުރަނިވި މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމެވެ. އެންމެން އެއް ރޫޙެއްގައި މި ޤައުމުގެ ކުރިމަގަށްޓަކައި މަސައްކަތް ފެށުމެވެ.” ރައީސް ވިދާޅުވި އެވެ.
ހިޖްރީ ސަނަތުން 1446 ވަނަ އަހަރާ އަޅުގަނޑުމެން ބައްދަލުކުރާއިރު، މުޅި އިސްލާމީ އުންމަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، ފަލަޞްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި، ހަނގުރާމައިގެ ނާމާން ޙާލަތްކަން ފާހަނގަ ކުރައްވައި ރައީސް ވިދާޅުވީ، މުޅި އުންމަތަށް ކުރިމަތިވެފައިވާ މިފަދަ ހުރިހާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، “މިއީ އެއް އުންމަތެއްކަމުގައި” ކީރިތި ޤުރްއާނުގައި ދެއްވާފައިވާ މަތިވެރި އިރުޝާދު ނަގަހައްޓައި، މުސްލިމުންގެ މެދުގައި އޮތް އެހީތެރިކަމާއި، އެއްބާރުލުމާއި، ގުޅުންތައް ވަރުގަދަކުރަން ޖެހޭ ކަމަށެވެ.
“އިރާދަކުރެއްވިއްޔާ، އިސްލާމީ އުންމަތުގެ ޙައްޤުގައި އަޑުއުފުލުމަށް އިސްނަގާ، އަދި އުންމަތުގެ ކުރިއެރުމަށްޓަކައި ޖޯޝާއެކު މަދަދުދޭ ބަޔެއްގެ ގޮތުގައި ދިވެހީން އަބަދުވެސް ދެމިތިބޭނަން.” ރައީސް ވިދާޅުވެފައި ވެއެވެ.



