މައި އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އިން، އެ ޕާޓީގެ ދާއިރާތަކުންނާއި ރަށްތަކުން ހުސްވެފައިވާ ނައިބު ރައީސްކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
އެމްޑީޕީން އިންތިޚާބު ބޭއްވުމަށް ހުޅުވާލާފައި ވަނީ 103 ރަށަކާއި 13 ދާއިރާއެއްގެ ނައިބު ރައީސްކަމުގެ މަގާމަށެވެ.
އިންތިޚާބާ ގުޅޭގޮތުން އެޕާޓީން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މިމަގާމުތަކަށް ކުރިމަތިލާން ބޭނުންވާ މެންބަރުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު މިމަހުގެ 13 ވާ ހޮނިހިރު ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެ ޕާޓީގެ ސެކްރެޓްރިއޭޓަށް ހުށަހަޅައިދިނުމަށް އެދޭކަމަށެވެ.
އެމްޑީޕީންވަނީ އަންނަ އޯގަސްޓްމަހުގެ ދެވަނަ ދުވަހު އިންތިޚާބު ބޭއްވުމަށާއި، އިންތިޚާބުގައި ކުރިމަތިލާ މެންބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައްވެސް ކަނޑައަޅާފަ އެވެ. އެ ޝަރުޠުތަކުގެ ތެރޭގައި، އިންތިޚާބަށް ކުރިމަތިލާ ފަރާތަކީ، ޖުލައި 1ގެ ނިޔަލަށް އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވާ ފަރާތެއްގެ އިތުރުން، ވޭތުވެދިޔަ 5 އަހަރު ތެރޭގައި ޕާޓީގެ އަސާސީ ގަވާއިދާއި ޚިލާފުވެފައި ނުވާ މެންބަރަކަށް ވާންޖެހެއެވެ.
އެމްޑީޕީން ވަނީ އެޕާޓީގެ ގައުމީ މަޖިލީހުން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުުރުސަތުވެސް 07 ޖުލައި 2024 ވާ އާދިއްތަ ދުވަހު މެންދުރު 2:00 އާ ހަމަޔަށް ހުޅުވާލާފަ އެވެ. އޯގަސްޓް 2 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ހުސްވެފައިވާ 26 ދާއިރާއެއްގެ ގައުމީ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި މާލެސިޓީ، ކުޅުއްދުއްފުށި ސިޓީ އަދި ތިނަދޫ ސިޓީގެ ރައީސުން ހިމެނެއެވެ.



