ނޭޕާލްއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ކުރިމަތިވި ތަފާތު އެކި ހާދިސާތަކުގައި 14 މީހުން މަރުވެެއްޖެއެވެ.
އެގައުމުގެ ކަމާއިބެހޭ އިދާރާތަކާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އާދީއްތަދުވަހުގެ ނިޔަލަށް މެދު ނުކެނޑި ވާރޭވެހުމާއި ގުޅިގެން، ކުރިމަތިވި ފެންބޮޑުވުމާއި، ކިސަޑު ފޭބުމާއި، ހޮނު އެޅުމާއި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ތަފާތު އެކި ހާދިސާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، 9 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. އަދި، އެ ހާދިސާތަކުގައި 17 މީހަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފަ އެވެ.
ނޭޕާލްގެ ފުލުހުން ބުނާގޮތުގައި މީހުން ގެއްލިފައިވަނީ ފެންބޮޑުވެ އޮޔާ ގޮސްގެންނާއި ކިސަޑުތަކުގައި ތާށިވެގެންނެވެ. ޑިޒާސްޓަރ ރެސްކިއު ޓީމުތަކުން ދަނީ އެ މީހުން ހޯދުމުގެ މަސައްކަތްކުރަމުން ކަމަށާއި، އަދި ބިންތިރި ހިސާބުތަކުގައި ތިބި މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަމުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ޝިންހުއާ ނިއުސް އޭޖެންސީން ރިޕޯޓްކުރާގޮތުގައި ފެންބޮޑުވުމުގެ ހާދިސާތަކުގައި 125 އާއިލާއެއް ހާލުގައި ޖެހި، ގިނަ އަދަދެއްގެ ޖަނަވާރުތައް މަރުވެ، މައި ހައިވޭތައް ވަނީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ބްލޮކްވެ، ޓްރެފިކް ހަަރަކާތްތައް ހުއްޓުމަކަށް އައިސްފަ އެވެ.
ވެރިރަށް ކަތުމަންޑޫގައިވެސް ހިނގާބިގާވެ ނޫޅެވޭވަރަށް ފެންބޮޑުވުމުގެ ސަބަބުން ޒަރޫރީ ބޭނުންތަކަށް ވަނީ ބުރޫ އަރާފަ އެވެ. އަދި، ކުރިޔަށް އޮތް ތާނގައިވެސް ވާރޭވެހި ނުރައްކާތެރި މިންވަަރަކަށް ފެންބޮޑުވެދާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާއި ބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. ވަކިން ޚާއްސަކޮށް ބިންތިރި ސަރަހައްދުތަކާއި، ކޯރުތަކާއި، އައްސޭރިފަށުގައި ދިރިއުޅޭ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އިރުޝާދުތަކަށް ސަމާލުވުމަށް އެދިފައިވެއެވެ. ވަކިން ޚާއްސަކޮށް ކޯރުތައް ފުރިގެން ބަންޑުންވެދާނެކަމުގެ ބިރު ހީވެފައިވާތީ އެފަދަ ހިރާސްތައް އޮތް ސަރަހައްދުތަކުގައި ތިބި މީހުން އެސަރަހައްދުތަށް ދޫކޮށް ވަގުތީ ގޮތުން ރައްކާތެރި ހިސާބުތަަކަށް ދިއުމަށްވެސް އިރުޝާދު ދީފައި ވެއެވެ.
ނޭޕާލްގެ މޫސުމާއި ބެހޭ އިދާރާތަކުން ބުނާގޮތުގައި މިހާރު ކުރަމުން ދަނީ މޫސުމީ ވިއްސާރައެވެ. ޖޫންމަހު ފެށުނު މި މޫސުން ސެޕްޓެމްބަރުމަހުގެ ނިޔަލަށް ދެމިގެންދާއިރު، މިހާތަނަށް ވިއްސާރައާއި ގުޅިގެން ކުރިމަތިވި ހާދިސާތަކުގައި މަރުވީ މީހުންގެ އަދަދު ވަނީ 50 އަށް އަރާފަ އެވެ. މި ވިއްސާރައިގެ އަސަރު ނޭޕާލްއައި އިންވެގެން އޮންނަ އިންޑިއާ އަށާއި ބަންގްލަދޭޝްއަށްވެސް ދަނީ ކުރަމުންނެވެ.




