ށ. މިލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފި އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިޔަށްދާގޮތް ހިއްސާކުރަމުން އެމްޓީސީސީން ބުނެފައިވަނީ، ށ. މިލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ %31 ނިމިފައިވާކަމަށެވެ. އަދި، ބަނދަރުގެ ޕޭވިންގ މަސައްކަތްތަކުގެ %22 ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.
މި މަޝްރޫޢުގެ ދަށުން، 17,900 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 72,938 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 8,400 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ނެރު ފުން ކުރުމާއި، 583 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 316 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 93 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 25 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 20 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 54 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 130 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، އެކްސަސް ޕްލެޓްފޯމެއް ހެދުމާއި، 3,863 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ށ. މިލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 18 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް 9 ޑިސެންބަރު 2022 ގައެވެ. މި މަޝްރޫއުގެ އަގަކީ 76.44 މިލިއަން ރުފިޔާ އެވެ.



