ހުޅުމީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ސަރަހައްދުގައި ތަރައްގީކުރަމުން އަންނަ ”މިފްކޯ ބަނދަރު“ ގެ މަސައްކަތުގެ ބޮޑު ބައި ނިންމާލައިފި އެވެ.
މި މަޝްރޫއުގެ މަސައްކަތް ކުރިޔަށްދާ ގޮތް ހިއްސާކުރައްވަމުން އޭއެފްސީގެ ރީޖަނަލް މެނޭޖަރު އަހުމަދު ޝާހިދު ވިދާޅުވީ، މި މަޝްރޫއުގެ 85 އިން ސައްތަ މަސައްކަތް ނިމިފައިވާކަމަށާއި، މިހާރު ޖެޓީމަތީގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ޕޭވް ކުރުމާއި ލައިޓްޖެހުމާއި ފްރީޒިންގ ކޮންޓެއިނަރ ބޭސްމަންޓް އެޅުން ހިމެނޭކަމަށެވެ. އަދި، މިމަސައްކަތްތައް ނިމުމުން މޯލްޑިވްސް ސްޓޭޓް ޝިޕިންގ(އެމްއެސްއެސް)ގެ ބޯޓު ޖެޓީއަށް ވައްދައިގެން ކޮންޓެއިނަރު ލޯޑުކޮށްގެން މަސް ބޭރުކުރުމުގެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެކަމަށެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، އޭއެފްސީ އެކްސްޕޯޓް ޖެޓީ ޑްރެޖްކުރެވިފައިވަނީ ބޮޑެތި ބޯޓު ފަހަރަށްވެސް ކައިރި ކުރެވޭގޮތަށް ނަމަވެސް ޖެޓީގެ މަސައްކަތް ނުނިމި ލަސްވެފައި ވަނީ ޖެޓީއަށް ވަންނަ މަގު ނުކޮނެވި އޮތުމުން ކަމަށެވެ.
”ޖެޓީގެ ހުރިހާ މަސައްކަތެއްކޮށް ނިންމުމުން މިފްކޯގެ މަދަރ ވެސެލްތަކަށްވެސް ފަސޭހަކަމާއެކު ވަދެ މަސް ލޯޑު ކުރުމާއި އަންލޯޑުކުރުމުގެ ޕްރޮސެސް ބަރާބަރަށް ކުރެވޭނެ.“ ޝާހިދު ވިދާޅުވި އެވެ.
މިފްކޯ ބަނދަރު ތަރައްގީކުރަމުގެ މަޝްރޫއުގެ މަސައްކަތުގެ އިތުރު ތަފްސީލް ހާމަކުރައްވަމުން އެފްސީގެ އޮޕަރޭޝަންސް ހިންގެވުމާ ހަވާލުވެ ހުންނެވި އެސިސްޓަންޓް މެނޭޖަރ އަލީ ޝިޔާޒު ވިދާޅުވީ އެ ސައިޓަކީ މަސްވެރިންގެ އަތުން މަސްގަނެ މަސް ފިނިކުރުމަށްފަހު މަސް އެކްސްޕޯޓު ކުރުމުގެ މަސައްކަތް ކުރާ ސެންޓަރަކަށްވެފައި، އޭއެފްސީގެ އެކްސްޕޯޓު ޖެޓީ ނުނިމި އޮތުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
”މިޖެޓީ ނިމިއްޖެނަމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. އަޅުގަނޑުމެންނަށް ލިބޭ މަސް އަޅުގަނޑުމެންގެ ޖެޓީއިން ސީދާ އެކްސްޕޯޓު ކޮށްލެވިދާނެ.“ ޝިޔާޒު ވިދާޅުވި އެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ)އިން ބަނދަރުގެ ޗެނަލް ޑްރެޖިންގ ގެ މަސައްކަތް ހުއްޓާލާފައިވަނީ އެކުންފުނިން ކުރާ ހުރިހާ ޑްރެޖިންގ ގެ މަސައްކަތްތައް 1 މަސް ދުވަހަށް ސަސްޕެންޑްކުރުމާ ގުޅިގެންނެވެ. ނަމަވެސް މި ސަސްޕެންޝަން މިދިޔަ ޖޫން މަހު މެދުތެރޭގައި އުވާލުމާ ގުޅިގެން އެމްޓީސީސީގެ ޑްރެޖަރު އައްޑޫގެ ސައިޓަށް ގެނެސް އަލުން މަސައްކަތް ފެށުމުގެ މަޝްވަރާތައް މިހާރު ދަނީ ކުރަމުންނެވެ. މި މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާލުމަށް އެމްޓީސީސީގައި އެދިފައިވާނެކަމަށް މިފްކޯގެ މެނޭޖުމެންޓުން ބުނެފައި ވެއެވެ.
ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ، ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް(ޕީއެސްއައިޕީ)ގެ ދަށުން 2020 ވަނަ އަހަރު އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން، 471,380 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 1,788 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމަށް ވަނީ ނިންމާފަ އެވެ. އަދި 97 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ވެސް ހިމެނެ އެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެ މަޝްރޫއުގެ މަސައްކަތް ކުރިޔަށްދާއިރު، ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ނެރު ކެނޑުމާއި 90 މީޓަރުގެ އެލޯންގ ސައިޑް ޖެޓީއެއް ހެދުމެވެ.
ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހިގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އޮކްޓޯބަރު 30، 2019ގަ އެވެ. ޑިޒައިން ބިލްޑް އުސޫލުން ކުރިއަށް ގެންދާ މި މަޝްރޫއުއަކީ 69 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.




