މާލެއާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަތަރު މީހުން ހަައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ޖުލައި މަހުގެ 6 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން އެ ދުވަހު 2 އޮޕަރޭޝަނެއް ކުރިޔަށް ގެންދިޔަ ކަމަށެވެ.
މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ހިންގި އެ އޮޕަރޭޝަންތަކުގައި، މާލޭގެ ދެ އެޕާޓްމަންޓަކާއި ފިހާރައަކާއި ގުދަނެއްގެ އިތުރުން ހުޅުމާލޭގެ އެޕާޓްމަންޓެއް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ބަލައިފާސްކޮށްފަ އެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި 13 ރަބަރު ޕެކެޓާއި ޖޫސްޕެޓީ ސައިޒުގެ އަށް ކޮތަޅު ފެނުނުކަމަށް ފުލުހުން ބުންޏެވެ. އަދި ހަތަރު މީހަކު ފުލުން ވަނީ ހައްޔަރުކޮށްފަ އެވެ.
”އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ، 36 އަހަރުގެ މީހަކާއި 44 އަހަރުގެ މީހަކާ އަދި 46 އަހަރުގެ މީހެއްގެ އިތުުރުން 54 އަހަރުގެ މީހެއް. މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުން.“ ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 46 އަހަރުގެ މީހާ ހަތް ދުވަހަށް، ދެންތިބި ތިން މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރެއް ނެރެދީފަ އެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ތަހުގީގުކުރަމުންދާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފައި ވެއެވެ.



