މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ނައިބު ރައީސަކަށް އެ ޕާރޓީގެ ލީގަލް ޑިރެކްޓަރު އަލްއުސްތާޒާ ހިސާން އައްޔަން ކުރުމަށް ރުހުން ހޯދުމުގެ މަސައްކަތް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ފަށްޓަވައިފި އެވެ.
ޝާހިދުގެ ނިންމެވުން އެކްސްގައި ހިއްސާކުރައްވަމުން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްއުސްތާޒާ ހިސާން ހުސައިން އައްޔަންކުރައްވަން ގަސްދުކުރައްވާފައިވާ ކަމަށެވެ. އަދި ހިސާން ޕާޓީގެ ނައިބުރައީސްކަމަށް އައްޔަނު ކުރުމަށް ޕާޓީގެ ގައުމީ މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް އަސާސީ ގަވާއިދުގައި ވާގޮތުގެމަތިން މިއަދު ހުށަހަޅުއްވާފައިވާކަމަށް ޝާހިދު ވިދާޅުވެފައި ވެއެވެ.
ހިސާން އަކީ މެދުކެނޑުމެއް ނެތި ގިނަ ދުވަސްތަކެއް ވަންދެން ޕާޓީއަށް ޚިދުމަތްކޮށްދެއްވަމުންގެންދަވާ ކަނބަލެއް ކަން ފާހަނގަކުރައްވައި، ޝާހިދު ވިދާޅުވީ، ހިސާންއަކީ އެމަގާމަށް އެންމެ އެކަށީގެންވާ ބޭފުޅާކަމުގައި ދެކިވަޑައިގަންނަވާކަމަށެވެ.
”އަލްއުސްތާޒާ ޙިސާން ޙުސެއިން މިޕާޓީއަށާއި، ޕާޓީގެ މެމްބަރުންނަށް ކޮށްދެއްވާފައިވާ އިޙްލާސްތެރި ގިނަގުނަ ޚިދުމަތްތަކަށް ބަލާއިރު، އެކަމަނާއަކީ މި މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅެއްކަމަށް އަޅުގަނޑު ދެކެން.“ ޝާހިދު ވިދާޅުވެފައި ވެއެވެ.
ޝާހިދު ވިދާޅުވެފައިވަނީ ޕާޓީގެ ލީޑަރޝިޕްގައި މިވަގުތު އަންހެން ބޭފުޅުން މަދުވުމާއެކު، ހިސާން މަގާމަށް އައްޔަންކުރައްވަން ގަސްދުކުރެއްވުމުގައި އެކަމަށް ވިސްނުން ބެހެއްޓެވި ކަމަށެވެ.
އަބްދުﷲ ޝާހިދު ނައިބު ރައީސްކަމަށް ހިސާންގެ ނަން ހުށަހެޅުއްވުމާއި ގުޅިގެން ހިސާން ވަނީ އެ ހުށަހެޅުއްވުން ގަބޫލްކުރައްވާކަން ހާމަކުރައްވައި ޝާހިދަށް ޝުކުރު އަދާކުރައްވާފަ އެވެ. ހިސާން ވިދާޅުވީ އެ ހުށަހެޅުއްވުން ގަބޫލުކުރުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ޕާޓީއަށް ޚިދުމަތްކުރުން ކުރިއަށް ގެންދިއުމަށް އަހުދުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުރިހާ މެންބަރުންގެ ތާއީދާއި އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވި އެވެ.




