ލިތުއޭނިއާ ސަރުކާރުން ފުރަތަމަ ފަހަރަށް ރާއްޖެއަށް ސަފީރަކު ކަނޑައަޅައިފި އެވެ.
ލިތުއޭނިޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަރ އެކްސަލެންސީ ޑަޔަނާ މިކެވިޗިއެނޭ ވަނީ މިއަދު ހެނދުނު ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް އަރުވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ލިތުއޭނިޔާގެ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފަ އެވެ.
އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ވިޔަފާރިތަކާއި، އިޤުތިޞާދީ ގޮތުން އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އިތުރަށް ގުޅުންބަދަހި ކުރުން ހިމެނެއެވެ.
ލިތުއޭނިޔާގެ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ލިތުއޭނިޔާގެ ސަފީރު ހުންނަވާނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ ގައެވެ. މިއީ ލިތުއޭނިޔާއިން ރާއްޖެއަށް ކަނޑައަޅުއްވި ފުރަތަމަ ސަފީރެވެ.
ދިވެހިރާއްޖެއާ ލިތުއޭނިއާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1999 ވަނަ އަހަރު ޑިސެންބަރު މަހުގެ 02 ވަނަ ދުވަހުގައެވެ.



