ޖޮއިންޓް ޓާސްކްފޯރސް އިން ހިންގި ރެއިޑް އޮޕަރޭޝަނެއްގައި މާލޭ ދެ މާރުކޭޓަކުން 6 ބިދޭސީން ހައްޔަރުކޮށްފި އެވެ.
މި އޮޕަރޭޝަނާއި ގުޅޭގޮތުން އިމިގްރޭޝަނުން ބުނީ، ރޭ ހިންގި ރެއިޑް އޮޕަރޭޝަނުގައި މާލެ ސަރަހައްދުގައި ހިންގަމުންދާ ދެ މާރުކޭޓެއް ބަލައި ފާސްކުރި ކަމަށެވެ. އަދި، އެ އޮޕަރޭޝަންގައި 6 ބިދޭސީން ހައްޔަރުކޮށްފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 04 ބިދޭސީ ފިރިހެނަކާއި 02 ބިދޭސީ އަންހެނަކު ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
ރޭ ހިންގި ރެއިޑް އޮޕަރޭޝަން އަކީ، ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން ހިންގި ރެއިޑެކެވެ. މި އޮޕަރޭޝަންތައް ކުރިއަށް އޮތްތަނުގައި ވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހުވެސް މިފަދަ ރެއިޑެއްކުރިޔަށް ގެންދިޔަ އެވެ. އެ ރެއިޑުގައި މަޖީދީ މަގުގެ ވިލާ މާޓް ކައިރީގައި ހުންނަ މާރުކޭޓާއި ޓީވީއެމް ކައިރީގައި ހިންގަމުންދާ ގޮޅިތަކުގައި މަސައްކަތް ކުރަމުން ގެންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް މިހާރު އެމީހުން ތިބީ ހުޅުމާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރުގަ އެވެ.
މީގެ އިތުރުން މިމަހުގެ ފަސްވަނަ ދުވަހުގެރޭ ހުޅުމާލެ ފޭސް-1 ގައި ހިންގި މިފަދަ ރެއިޑެއްގައިވެސް ގަވާއިދާ ޚިލާފަށް ޓޭކްއަވެއި ކޮފީ ޝޮޕް ހިންގާ 8 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ.
“ޖޮއިންޓް ޓާސްކް ފޯސް” އަކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަންތައް ހިންގުމަށް ތަންފީޒީ އިދާރާތައް ހިމެނޭގޮތަށް އެކުލަވާލާފައިވާ ޓާސްކް ފޯރސް އެކެވެ. މި ފޯރސް އިން ދަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ އަދި ވަގު ވިޔަފާރިއާއި ހަށި ވިއްކުމުގެ ވިޔަފާރީގައި ޝާމިލުވާ ބިދޭސީން ހޯދުމަށް ދޭތެރެ ދޭތެރެއިން ޚާއްސަ ރެއިޑް އޮަޕަރޭޝަންތައް ހިންގަމުންނެވެ.
ޓާސްކް ފޯރަސްއިންނާ ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ހައްޔަރުކުރާ މީހުންގެ ތެރެއިން، ގަވާއިދާ ޚިލާފަށް އުޅޭ މީހުންނާއި ވަގު ވިޔަފާރިތަކުގައި ޝާމިލުވާމީހުންނާއި، އަދި ހުއްދަ ހޯދާފައިވާ ވިޔަފާރި ނޫން އެހެން ވިޔަފާރިތަކުގައި ހުއްދަނެތި ހަރަކާތްތެރިވާ ބިދޭސީން ދަނީ ޑީޕޯޓްކުރަމުންނެވެ. އަދި ހައްޔަރަށް ގެނެވޭ މީހުންގެ ތެރެއިން ލިޔެކިޔުން ނުހުންނަ މީހުން، އެމީހުން ނިސްބަތްވާ ގައުުމުތަކުގެ ހައިކޮމިޝަން ނުވަތަ އެމްބަސީއާއި ގުޅިގެން ލިޔުން ހޯދައި އަޅަންޖެހޭ ފިޔަވަޅުތައްވެސް ދަނީ އަޅަމުންނެވެ.



