ދިވެހިރާއްޖެއާއި ތައިލޭންޑާ ދެމެދު ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާއިން ގުޅުން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިޔަށްދިޔައީ ތައިލޭންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޕައިޓޫން މަހާޕަންނާޕޮން އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުވުމަށްފަހު، ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ޞިއްޙީ ދާއިރާ ފުޅާކުރުން ހިމެނެއެވެ. މީގެ އިތުރުން، ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްގެ އިތުރުން އިންސާނީ ވަޞީލަތާއި ޤާބިލުކަން އިތުރުކުރުން ހިމެނެއެވެ.

ތައިލެންޑްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޕައިޓޫން މަހާޕަންނާޕޮން އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އެރުވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ފަތްކޮޅާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފަ އެވެ.
ޕައިޓޫން މަހާޕަންނާޕޮން އަކީ، ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ދިވެހިރާއްޖެއަށް ކަނޑައަޅުވި ސަފީރެކެވެ. އެމަނިކުފާނު ހުންނަވާނީ ސްރީލަންކާގެ ކޮލަމްބޯގައެވެ.
ދިވެހިރާއްޖެއާ ތައިލެންޑާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1979 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު އެވެ.




