ދެމެހެއްޓެނިވި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ އެއްބާރުލުމުގެ މުހިންމުކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ފާހަނގަކުރެއްވީ، އިޓަލީވިލާތުގެ ރޯމްގައި މިހާރު ކުރިޔަށްދާ އދ. ގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ ޖަމްޢިއްޔާ (އެފްއޭއޯ) ގެ މަސްވެރިކަމާބެހޭ ކޮމިޓީގެ 36 ވަނަ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދިގު ތާރީޚާއި، ދިވެހި މަސްވެރިކަމުގެ ތަރިކައިގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ، އެފްއޭއޯގެ މި ޖަލްސާގައި ބައިވެރިވުމަކީ ހަމައެކަނި ވަޒީފާގެ ޒިންމާއެއް ނޫންކަމަށާއި، އެއީ އެމަނިކުފާނުގެ ކާބަފައިންނާއި، ވަޠަނުގެ ކަނޑުތަކާ ގުޅިފައިވާ އަމިއްލަ ދަތުރެއްކަމަށެވެ.
މިނިސްޓަރ ޝިޔާމް އިތުރަށް ވިދާޅުވީ، އެމަނިކުފާނަކީ ގިނަ ޖީލުތަކެއްގެ މަސްވެރިންގެ ދަރިއެއްކަމަށާއި، އެމަނިކުފާނުގެ ކުޑައިރުގެ ހަނދާންތަކުގައި މަސްދޯނި ފެނުނު މަންޒަރާއި، ބައްޕައާއި ކާފަ ކިޔައިދިން ކަނޑުގެ ވާހަކަތައް ހިމެނޭކަމަށެވެ. އަދި މި ވާހަކަތަކަކީ ހަމައެކަނި މަސްބޭނުމުގެ ވާހަކަތަކެއް ނޫންކަމަށާއި، އެއީ ކެތްތެރިކަމާއި، ރައްކާތެރިކަމާއި، އަދި ކަނޑަށް ކުރާ ފުން އިޙްތިރާމުގެ ވާހަކަތަކެއްކަމަށް ވިދާޅުވި އެވެ.
މިނިސްޓަރ ޝިޔާމް ވިދާޅުވީ، ދިވެހިރާއްޖޭގެ ގިނަ ޢާއިލާތަކެކޭ އެއްފަދައިން، އެމަނިކުފާނުގެ ޢާއިލާވެސް ޖީލުތަކެއް ވަންދެން ކަނޑުގެ މުއްސަނދި ވަސީލަތްތަކުން ދިރިއުޅުން ބައްޓަންކޮށް، ދޮށީގެ މަސްވެރިކަމާއި، ނަނުގެ މަސްވެރިކަން ކޮށްގެން ދިރިއުޅެމުން އައިސްފައިވާކަމަށެވެ. އަދި މި ތަރިކައިގެ އަމާނާތް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެމަނިކުފާނުގެ މަސްއޫލިއްޔަތެއްކަމަށް ވިދާޅުވި އެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެއިން ދެމެހެއްޓެނިވި މަސްވެރިކަމާއި ތިމާވެށި ރައްކާތެރިކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން މަސްވެރިކަން އިތުރަށް ތިމާވެށްޓާ ރައްޓެހި ކުރުމަށް އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރަމުންދާކަން ފާހަނގަކުރެއްވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް މަދުވެގެން 1.5 ބިލިއަން ޓަނުގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އަމާޒު ހިފާފައިވާކަމަށާއި، ކުރިއަށް އޮތް 4 އަހަރުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ ހަކަތައިގެ މަދުވެގެން %35 އިއާދަކުރަނިވި ވަސީލަތްތަކުން ހޯދުމަށް އަމާޒު ހިފާފައިވާކަމަށް ވިދާޅުވި އެވެ.
މިނިސްޓަރ ޝިޔާމް ވިދާޅުވީ، މި އަމާޒުތައް ހާސިލުކުރުމަށް ބައިނަލްއަގުވާމީ އެހީތެރިކަން ބޭނުންވާކަމަށެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ޚާއްޞަ ގޮންޖެހުންތައް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި:
1. އިޤްތިޞާދީ ގޮތުން ކަނޑަށް ބަރޯސާވުން.
2. ދުނިޔޭގެ ވިޔަފާރީގެ ވާދަވެރި މާހައުލުގައި ވާދަކުރުމުގެ ޤާބިލުކަން ދަށްވުން.
3. ގިނަ ތަކެތި އިމްޕޯޓްކުރަން ޖެހުން.
4. މުދާ އުފުލުމުގެ ޚަރަދުތައް ބޮޑުވުން.
5. މަސައްކަތުގެ އަގުތައް މަތިވުން.
6. އުފެއްދުންތެރިކަމުގައި ބޭނުންކުރާ ތަކެތީގެ އަގު މަތިވުން.
7. ގުދުރަތީ ހާދިސާތަކާއި ހަނގުރާމަތަކުން ވިޔަފާރިއަށް އަސަރުކުރުން.
8. ބޮޑު އަދަދަކުން އިމްޕޯޓް ޓެރިފް ދައްކަން ޖެހުން.
މި ގޮންޖެހުންތަކާ ކުރިމަތިލުމަށް، މިނިސްޓަރ ޝިޔާމް ބައިނަލްއަގުވާމީ މުޖުތަމަޢުގެ އެހީތެރިކަމަށް އެދިވަޑައިގަތެވެ. އަދި ދެމެހެއްޓެނިވި މަސްވެރިކަމާއި ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތުގައި ދިވެހިރާއްޖެއިން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރ ޝިޔާމް އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ އެއްބާރުލުމުގެ މުހިންމުކަން އަލިއަޅުވާލައްވަމުންނެވެ. އަދި، ކުދި ޖަޒީރާ ގައުމުތަކުގެ ޚާއްސަ ހާލަތަށް ރިއާޔަތްކޮށް، އެފަދަ ގައުމުތަކަށް އިތުރު އެހީތެރިކަމާއި ލުއިތައް ދިނުމަށް ގޮވާލައްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، މިފަދަ މަސައްކަތްތަކުން ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވިގޮތެއްގައި ބޭނުންކުރެވި، ކުދި ޖަޒީރާ ގައުމުތަކުގެ އިގުތިސާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.



