މޯލްޑިވްސް ސްޓޭޓް ޝިޕިންގ(އެމްއެސްއެސް)ގެ ޚިދުމަތް ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ފުޅާކޮށްފި އެވެ.
އެމްއެސްއެސްއިން ބުނީ ދެކުނު އިރުމަތީ އޭޝިއާއިން ކޮލަމްބޯއަށް ދަތުރުކުރާ ފީޑަރ ޚިދުމަތް މިހާރު ތައާރަފުކޮށްފައިވާކަމަށެވެ. އެގޮތުން، މި ޚާއްޞަ ޚިދުމަތުން މެލޭޝިއާގެ ޕޯޓް ކްލާންގ އަދި ސިންގަޕޫރާއި ކޮލަމްބޯއާ ގުޅުވައިދޭނެ ކަމަށެވެ.
އެމްއެސްއެސްއިން ބުނީ، މި ޚިދުމަތުގެ ދަށުން، ފުރަތަމަ ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 13 ވަނަ ދުވަހު ޕޯޓް ކްލާންގއިން ކޮލޮމްބޯއަށް ކަމަށެވެ. އަދި، މިދަތުރުތައް ކުރާނީ އެމްއެސްއެސް ގްރަފީން އުޅަނދުގައިކަމަށް އެމްއެސްއެސްއިން ބުނެއެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން އެމްއެސްއެސްގެ ޗީފް ކޮމާޝަލް އޮފިސަރު ތާހާ އަހްމަދު ވިދާޅުވީ، މިއީ ދިވެހި ވިޔަފާރިވެރިންނަށް އިތުރު ޚިދުމަތެއް ދިނުމުގެ ގޮތުން ފެއްޓިކަމެއްކަމަށެވެ. އަދި މި ޚިދުމަތް ފެށުމުގެ މައިގަނޑު އަމާޒަކީ ބާޒާރުގައި ތަކެތީގެ ރޭޓުތައް ހިފެހެއްޓުން ކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑުމެންގެ އަމާޒަކީ، މާކެޓުތަކުގައި ތަކެތީގެ އަގު ނުއުފުލޭނެ ގޮތަކަށް މަސައްކަތް ކުރުން. ދެން އެގޮތުގެ މަތިން އަޅުގަނޑުމެން ކުރިކަމެއް މިއީ. ދިވެހި ވިޔަފާރިވެރިންނާ ވިޔަފާރިތަކަށް ހުޅުވިގެންދިޔަ ފަހި ދޮރެއް މިއީ.“ ތާހާ ވިދާޅުވި އެވެ.
ތާހާ ވިދާޅުވީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި އެމްއެސްއެސްގެ ބޯޓެއް ދުއްވީމައި ރޭޓް ކަނޑައެޅުމުގެ ކޮންޓްރޯލް އެމްއެސްއެސްއަށް ލިބިގެންދާނެކަމަށެވެ.



