ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގައި މިއަދު މެންދުރު ހާއިރު ބާރުގަދަ އަޑެއް ގޮވައި އެ ހާދިސާ ހިނގާފައިވަނީ ގޮވާ އެއްޗެއްގެ ސަބަބުން ނޫންކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިންނެވެ.
މިއަދު މެންދުރު 01:00 ޖަހާ އެހާކަންއާއިރު ވޭނުގައި ބާރުގަދަ އަޑެއް ގޮވުމުގެ ސަބަބުން އެމްއެންޑީއެފް އިން އެތަނަށް އެޓެންޑް ވިއެވެ. އެމްއެންޑީއެފް އިން ބެލި ބެލުމަށްފަހު ބުނެފައިވަނީ އެއީ ގޮވާ އެއްޗެއްގެ ސަބަބުން ހިނގި ހާދިސާއެއް ނޫންކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށެވެ. އަދި އިތުރު ނުރައްކަލެއް ނެތް ކަންވެސް ކަށަވަރު ކުރެވިފައިވާތީ ”ސީން“ މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މިހާދިސާ ހިނގި ކަމަށް ބެލެވެނީ އުޅަނދުގެ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް ބެލެވޭތީ ފުލުހުން އެމައްސަލަ މިހާރު ބަލަމުންދާކަމަށްވެސް އެމްއެންޑިއެފްއިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ، މިހާދިސާގައި އެއްވެސް މީހަކަށްވެސް އަދި ވޭނަށްވެސް ގެއްލުމެއް ނުލިބޭކަމަށެވެ.
ފުލުހުން އަދިވެސް ދަނީ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.


