މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ “ ވޯޓަރ ސެކިއުރިޓި ޕްލޭން“ ގެ ދަށުން، ސިނަމާލެ ބްރިޖް މެދުވެރިކޮށް ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫޢުގައި ހިމެނޭ، މާލޭ ޓްރާންސްފަރ ޕަމްޕް ސްޓޭޝަން ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.
އެމްޑަބްލިއުއެސްސީއިން ބުނީ، މާލޭގެ ޓްރާންސްފަރ ޕަމްޕް ސްޓޭޝަން ޤާއިމުކުރަނީ ރައީސުލްޖުމްހޫރިޔާގެ އޮފީހުގެ ނާރސަރީ ގެ މަސައްކަތް ކުރިން ކުރަމުން އައި މާލޭގެ 64 ނަމްބަރ ކޮށީގައި ކަމަށެވެ. މި މަސައްކަތް 2024 ވަނަ އަހަރުގެ ނިޔަލަށް ނިންމާލަން ތާވަލުކޮށްފައިވާއިރު، މި މަސައްކަތަށް ޖުމްލަ 3.8 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާ ކުރެވޭކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
މާލޭގައި ޤާއިމްކުރާ މި ޕަމްޕް ސްޓޭޝަންގެ އިތުރުން މި މަޝްރޫޢުގައި ހިމެނޭ އެހެން ބައިތަކަކީ ސިނަމާލެ ބްރިޖް މަތީގައި އަޅާފައިވާ .225 ކިލޯ މީޓަރުދިގު ހޮޅިލައިންއާއި، ހުޅުމާލޭގައި ޤާއިމް ކުރެވޭ ޓްރާނސްފަރ ޕަމްޕް ސްޓޭޝަނެވެ. މީގެތެރެއިން، ބްރިޖް މެދުވެރިކޮށް ހޮޅި ލައިން އެޅުމާއި، ޕްރެޝަރ ޓެސްޓްކުރުމުގެ މަސައްކަތްވަނީ ނިމިފަ އެވެ. އަދި ހުޅުމާލޭގެ ޕަމްޕް ސްޓޭޝަންގެ މަސައްކަތްތައްވެސް ވަނީ ފަށާފަ އެވެ.
”ހުޅުމާލެ އާއި މާލޭގެ ފެނުގެވިޔުގަ ގުޅާލުމުގެ މަޝްރޫޢު މުޅިންނިމި ޚިދުމަތަށް ގެނައުމަށް އަމާޒު ކުރެވިފައިވަނީ 2024 ވަނަ އަހަރުގެ ނިޔަލަށް. މި މަޝްރޫޢު ނިމުމުން، ބޭނުންވެއްޖެ ހާލަތެއްގައި، މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް ގަޑިއަކު 800 ޓަނުގެ ފެން ޕަމްޕުކުރުމުގެ ގާބިލްކަން އެމްޑަބްލިޔުއެސްސީ އަށް ލިބިގެންދާނެ.“ އެމްޑަބްލިއުއެސްސީން ބުނެފައި ވެއެވެ.
ސިނަމާލެ ބްރިޖް މެދުވެރިކޮށް ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫޢަކީ، އެމްޑަބްލިއުއެސްސީގެ ”ވޯޓަރ ސެކިއުރިޓި ޕްލޭން“ ގެ ދަށުން 2016 ވަނަ އަހަރު ފެށުމަށްފަހު އެކިސަބަބުތަކާހުރެ މިހާތަނަށް މަޑުޖެހިފައިއޮތް މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތް އަލުން ފަށައިގަނެ މާލޭގެ ޕަމްޕް ސްޓޭޝަންގެ މަސައްކަތް ނިމުމާއިއެކު ސިނަމާލެ ބްރިޖްމަތީގައި އަޅާފައިވާ ހޮޅިމެދުވެރިކޮށް މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅުވާލެވޭނެ އެވެ.
މި ކަމުގެ ސަބަބުން މާލޭ ސަރަޙައްދުގައި އެމްޑަބްލިއުއެސްސީ އިން ފޯރުކޮށްދޭ ސާފު ބޯފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުވެގެން ދާނެއެވެ. މިއީ މާލޭގައި ފެން އުފެއްދުމާއި ފެން ރައްކާކުރުމާއި ފެން ފޯރުކޮށްދިނުމުގެ ޤާބިލްކަން އިތުރުކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް އެމްޑަބްލިއުއެސްސީއި ފަށާފައިވާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.



