މިހާރު ހުރިހައި އުމުރުފުރައެއްގެ މީހުންނަށް އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އާސަންދައިން ބުނެފި އެވެ.
އާސަންދައިން ބުނީ، ސަރުކާރުގެ ހަފުތާ-14 މަގުޗާޓުގައި ހިމެނިފައިވާ, ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމަށް ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތާ އެއްގޮތަށް, މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 50 އަހަރުން މަތީގެ އުމުރުފުރާގެ މީހުންނަށް ހިލޭ މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމު ހަމަޖެއްސި ކަމަށެވެ. އަދި 1 އޭޕްރީލް އިން ފެށިގެން، 18 އަހަރުން ދަށުގެ އުމުރުފުރާއާއި 40 އަހަރުން މަތީގެ އުމުރުފުރާގެ ފަރާތްތަކަށް އާސަންދަ ސްކީމުގެ ދަށުން މެޑިކަލް ޗެކަޕް ހެދުމުގެ އިންތިޒާމު ހަމަޖައްސައިދީފައި ވާކަމަށެވެ.
މީގެ އިތުރުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން 19 އަހަރާއި 39 އަހަރާއި ދެމެދުގެ އުމުރުފުރާތަކަށް މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމު ހަމަޖެހުމާއެކު މިހާރު ދިވެހި ހުރިހައި ރައްޔިތުންނަށް އަހަރަކު 2 ފަހަރު މެޑިކަލް ޗެކްއަޕް ހިލޭ ހެދޭނެ އިންތިޒާމު ހަމަޖެހިގެން ދިޔައީކަމަށް އާސަންދަ ކުންފުނިން ބުންޏެވެ.
އާސަންދައިން ބުނީ، މީގެ ކުރިން 18 އަހަރުން ދަށުގެ ކުދިންނަށް މެޑިކަލް ޗެކްއަޕް ހަދަމުންދަނީ ސްކޫލް ނިޒާމުގެތެރެއިން ހިންގޭ ހެލްތު ސްކްރީނިންގް ގެ ދަށުންކަމަށެވެ. އަދި، މިހާރު އެ ސްކްރީނިންގވެސް ކުރިޔަށްދާގޮތް އިތުރަށް މުރާޖައާކޮށް، ފެންވަރު ރަނގަޅުކޮށްފައިވާކަމަށް އާސަންދައިން ބުންޏެވެ.
އާސަންދައިން ބުނީ، މި ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ހުރިހައި ރައްޔިތުންވެސް މެޑިކަލްޗެކްއަޕް ހެދުމަށް އެދޭކަމަށެވެ. އެއީ، މީގެ ތެރެއިން ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ސްކްރީންކުރެވޭއިރު، ބައްޔެއް ހުރިނަމަ އެ ދެނެގަނެވި ދުރާލާ ފަރުވާ ފެށިއްޖެނަމަ ގިނަ ބަލިތަކުން ސަލާމަތްވެވޭނެ ފުރުސަތު އޮތުމުން ކަމަށެވެ.



