އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ސަޢޫދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާ ގުޅިގެން ބާއްވާ އިސްލާމީ އަޤީދާއާ ބެހޭ ޢިލްމީ ދެވަނަ ދައުރާ ފަށައިފި އެވެ.
2 ދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދާ މިދައުރާގައި ކިޔަވައިދެއްވަނީ މަދީނާގެ އިސްލާމިކް ޔުނިވާރސިޓީގެ ޕްރޮފެސަރ އަދި އަލް މަސްޖިދުއް ނަބަވީގެ މުދައްރިސެއްކަމުގައިވާ އަލްސުތާޒް ޑރ. އަބްދުއްސަލާަމް އައް ސުހައިމީ އާއި އިމާމު މުހައްމަދު ބުނު ސުއޫދު ޔުނިވާރސިޓީގެ ޕްރޮފެސަރެއްކަމުގައިވާ ޑރ. އާދިލް އައްސުބައިޢީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އަރަބި ބަހުން ކުރިޔަށްގެންދާ ހަމަޖެހިފައިވާ މި ދައުރާގައި ސެޝަންތައް ނަންގަވައިދެއްވަނީ ސަޢުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ފޮނުވި ދީނީ ޢިލްމުވެރިންނެވެ. މި ދައުރާގެ ސެޝަންތައް ކުރިޔަށްދަނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގަ އެވެ.
ދޭތެރެ ދޭތެރެއިން އިސްލާމީ ޤައުމުތަކުގައި ބޭއްވޭ އިލްމީ ދައުރާ ތަކުގެ ތެރެއިން ރާއްޖޭގައި ބާއްވާ މި ދައުރާއަކީ އަގީދާގެ ދާއިރާ އާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ބޭއްވުނު ދައުރާއެކެވެ.
އިސްލާމީ އަޤީދާއާ ބެހޭ ޢިލްމީ ދައުރާގެ ފުރަތަމަ ދައުރާ ބާއްވާފައިވަނީ މެއި މަހުގަ އެވެ. އެ ދައުރާގައިވެސް އެކި އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެވެ. އަދި އެއަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެފައިވާ ގޮތުގައި، ކުރިޔަށް އޮތް ތަނުގައިވެސް ސައުދި އަރަބިއާ އާއި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން، އިސްލާމީ ދާއިރާ އާއި ގުޅުން ހުރި ދިރާސާތައް ކުރުމާއި، އިސްލާމީ ޚިދުމަތުގައި ވަރަށް ގިނަ ކަންކަން ކުރާތަން ފެނިގެން ދާނެއެވެ.




