ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިންސާނީ ތަރައްގީގައި ޗައިނާއަކީ ބޮޑު ހިއްސާދާރެއް ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ އެވެ.
ވަޒީރު އާދަމް ޝަރީފު ޢުމަރު މިހެން ވިދާޅުވީ ޗައިނާގެ އެހީގައި ހިންމަފުށީގައި ޖެހި މަގުބައްތިތައް ދިއްލުމަށް ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސޯލާ މަގު ބައްތިތައް ދިއްލުމުގެ ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި ހިންމަފުށީގައި ޖެހި ސޯލާ ބައްތީގެ ސަބަބުން ރައްޔިތުންގެ ރައްކާތެރިކަން އިތުރުވުމާއެކު، ކާބަން ފުޑް ޕްރިންޓް ކުޑަ ކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ. ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅައިފައި ހުންނަވައި ސަފީރު ވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު އުމަރު ދެއްކެވި ވާހަކަފުޅުގައި ޗައިނާއަކީ ބައިނަލްއަގުވާމީ މަޝްރަޙުގައި ދިވެހިރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާ އެއް ފަރާތް ކަމަށް ވިދާޅުވެ، ޗައިނާ ސަފީރަށާއި، ޗައިނާ ސަރުކާރަށް ޝުކުރުދެންނެވި އެވެ. އަދި، ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިންސާނީ ތަރައްގީގައި ޗައިނާއަކީ ބޮޑު ހިއްސާދާރެއް ކަމަށް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޮންގް ލިޒިން ދެއްކެވި ވާޙަކަފުޅުގައި ޗައިނާގެ މި އެހީއަކީ ޗައިނާގެ ޔުނާން ޕްރޮވިންސްގެ އެހީއެއްކަމަށް ވިދާޅުވި އެވެ. އަދި، ކުދި އާބަދީތަކުގެ ކުރިއެރުމަށް ބޭނުންވާ، ޒަމާނަށް ފެތޭ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދިނުމުގައި ޗައިނާއިން އަބަދުވެސް ދެމިއޮންނާނެކަމަށް ސަފީރު ވިދާޅުވި އެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކ. ހިންމަފުށީގެ މަގުތަކުގައި ސޯލާ މަގުބައްތި ޖެހުމަށް ހިންގި މި މަޝްރޫއުގެ ދަށުން އެ ރަށުގައި ވަނީ 165 ބައްތި ޖަހާފަ އެވެ. މިއީ %100 އިރުގެ އަލި ބޭނުންކޮށްގެން އުފައްދާ ކަރަންޓުން ދިއްލާ މަގުބައްތިތަކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރކަމުގެ މަގާމުގައި ހުންނަވައިގެންނާއި، ވެރިކަމަށް ވަޑައިގެން މި ފާއިތުވެ ދިޔަ 7 މަހުގެ ތެރޭ ކައުންސިލުތައް ބާރުވެރި ކުރުވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ވަނީ ކުރައްވާފަ އެވެ. އެ ގޮތުން، ކައުންސިލުތަކަށް ބޭނުންވާ ވަސީލަތްތައް ހޯއްދަވައި ދެއްވުމާއި، ކައުންސިލުތަކަށް ބޭނުންވާ މާލީ ބާރުވެރިކަން ހޯއްދަވައި ދެއްވުމަށް ކައުންސިލުތަކަށް ފަޅުރަށްރަށާއި، ފަޅުތައް ލިބޭނޭ ގޮތް ހަމަޖެއްސުމުގެ އިތުރުން ރަށްރަށަށް ލިބޭ އާންމުދަނީގެ ވަކި އިންސައްތައެއް ކައުންސިލުތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ޓަކައި މިހާރު އަންނަނީ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ.
ކައުންސިލުތަކަށް ދިމާވެފައިވާ ޢިމާރާތުގެ ދަތިކަން ޙައްލުކޮށްދެއްވުމަށް 50 ރަށެއްގެ ކައުންސިލު އިދާރާ އެޅުމުގެ މަސައްކަތް މި އަހަރުތެރޭ ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.



