ޔޫރަޕިއަން ޔޫނިއަން(އީޔޫ) އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ގީލާ އަލީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ކައުންސިލް އޮފް ދަ ޔޫރަޕިއަން ޔޫނިއަންގެ ރައީސް، ޗާލްސް މިޝެލް އަށް އަރުވައިފި އެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައިވަނީ އިއްޔެ މެންދުރު ބްރަސެލްސް ގައި ހުންނަ ’ޔޫރޮޕާ‘ ބިލްޑިންގގައެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުވުމުގައި ސަފީރު ޤީލާ ޢަލީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޔޫރަޕިއަން ޔޫނިއަންގެ ރައީސް ޗާލްސް މިޝެލް އަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރެއްވި އެވެ.
އަދި ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު ވެވުނު ފުރަތަމަ ފްރޭމްވޯކް އެގްރީމަންޓް ކަމަށްވާ ”ސަމޯއާ އެގްރީމަންޓް“ ސޮއިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން އެކަމަނާ ދެއްވި އެވެ.
މީގެ އިތުރުން، ދިވެހިރާއްޖެ އިން ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅާފައިވާ ސަފީރުގެ މަގާމާ ގީލާ އަލީ ހަވާލުވެވަޑައިގަތުމުން އެކަމަނާއަށް ޔޫރަޕިއަން ޔޫނިއަންގެ ރައީސް ޗާލްސް މިޝެލް ތަހުނިޔާ ވިދާޅުވި އެވެ. އަދި ދިވެހިރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަނާ ދެމެދު އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި ކައުންސިލް އޮފް ދަ ޔޫރަޕިއަން ޔޫނިއަންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ކަށަވަރުކޮށްދެއްވި އެވެ.
ސަފީރު ގީލާ އަލީގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި އެކަމަނާ އަރިހުގާ ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ، މުހައްމަދު ޝައްފާއު އިބްރާހިމް އަދި ސެކަންޑް ސެކްރެޓަރީ ޙަސަން ނަވާފު ބައިވެރިވެވަޑައިގަތެވެ.




