ނަކަލުކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވާން އުޅުނު ބިދޭސީންތަކެއް އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.
އިމިގްރޭޝަނުން ބުނީ ހުއްޓުވާފައިވަނީ ނަކަލުކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށްގެން ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުން މިމަހުގެ 3 ވަނަ ދުވަހު ރާއްޖެ އެތެރެވާން މަސައްކަތްކުރި ހަތަރު ފިރިހެން ބިދޭސީން ކަމަށެވެ.
މީގެ ތެރޭގައި ހިމެނެނީ 28 އަހަރުގެ މީހަކާއި 31 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 22 އަހަރުގެ މީހެކެވެ. އެހެންނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއް ކަމެއް އިމިގްރޭޝަނުން ހާމައެއް ނުކުރެއެވެ.
އިމިގްރޭޝަނުން ގެންދަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި މިހާތަނަށް ގަވާއިދާ ޚިލާފަށް އެކި ކަހަލަ ވިޔަފާރި ކުރާ 99 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާ މީހުންނާއި، ޑޮލަރުގެ ވަގު ވިޔަފާރިއާއި، ހަށި ވިއްކުމުގެ ވިޔަފާރީގައި ޝާމިލުވާ މީހުން ހިމެނެއެވެ.



