އަލަށް ޕްރިންސިޕަލްކަމުގެ މަސްއޫލިއްޔަތާ ހަވާލުވާ ޕްރިންސިޕަލުންނަށް، ”ޕްރިންސިޕަލް މެންޓަރޝިޕް“ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފަށައިފި އެވެ.
މި ޕްރޮގްރާމަކީ، ސްކޫލުތަކާ އަލަށް ގުޅޭ ޕްރިންސިޕަލުންނަށް އެ ބޭފުޅުންގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ތަޖުރިބާ ހުރި ޕްރިންސިޕަލަކާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ދިނުމަށްޓަކައި ކުރިއަށް ގެންދާ 6 މަސްދުވަހުގެ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް ދާއިރާގެ ތަޖުރިބާކާރު ޕްރިންސިޕަލުންގެ ފަރާތުން ސްކޫލު ހިންގުމުގައި ދިމާވާ އެކި ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތުގެ ލަފާއާއި އިރުޝާދު ދިނުމުގެ އިތުރުން، ސްކޫލުތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.
”މި ޕްރޮގްރާމްގެ މި ބުރުގައި 20 ޕްރިންސިޕަލުން ބައިވެރިވި. އޭގެ ތެރެއިން ކޮންމެ ޕްރިންސިޕަލަކަށް ވެސް މެންޓަރ އެއްގެ ގޮތުގައި އެކުގައި މަސައްކަތްކުރުމަށް ތަޖުރިބާކާރު އެހެން ޕްރިންސިޕަލަކު ވަނީ ހަމަޖައްސާފައި.“ އެޑިއުކޭޝަން އިން ބުނެފައި ވެއެވެ.
މި ޕްރޮގްރާމްގެ މެންޓަރުންގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅުން އިންސްޓަރކްޝަނަލް ލީޑަރޝިޕް، ގޮތް ނިންމުމާއި އިސްތިރާޖީ ގޮތެއްގައި ކަންކަން ރޭވުމާއި، މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރުމާއި ސްކޫލާ ގުޅޭ ކަންކަމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމާއި، ކްރައިސިސް މެނޭޖްމަންޓްއާ ގޫޅޭގޮތުން ބައިވެރިންނަށް އިރުޝާދު ދެއްވާނެއެވެ. މީގެ އިތުރުންވެސް މުހިންމު ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިކުރުވުމާއެކު، ކުރާ މަސައްކަތުގައި ޕްރޮފެޝަނަލް އަދި ޕަރސަނަލް ބެލެންސްއެއް ގެންގުޅޭނެ ގޮތްތައް ދަސްކޮށްދެއްވާނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ޕްރޮގްރާމަކީ މެންޓީސްގެ އިތުރުން މެންޓަރުންނަށް ވެސް އޭގެ ފައިދާކުރާނެ ގޮތަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެއްކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގެ ސަބަބުން ދާއިރާގެ ބޭފުޅުންނާއެކު ރަނގަޅު ޕްރޮފެޝަނަލް ގުޅުމެއް ގާއިމުކުރުމަށް މަގުފަހިވެ، އެ ބޭފުޅުންގެ ލީޑަރޝިޕް އާއި ކޯޗިންގ ހުނަރުތައް އިތުރަށް ތަރައްޤީވެގެން ދާނެކަމަށެވެ.


