ކީރިތިޤުރުއާނާއި އަދި ޤުރުއާނާއި ގުޅުންހުރި އެކި މާއްދާތައް އޮންލައިންކޮށް ކިޔެވެމުގެ ހުއްދަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ(އެމްކިއުއޭ) އިން ދީފިއެވެ.
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، (އެމްކިއުއޭ)ގެ ސީއީއޯ، މަރްޔަމް ފިޒާނާ ރަޝީދު ވިދާޅުވީ ގުރުއާނަކީ އީ-ލަރނިންގ ގައިޑްލައިންގައި، އޮންލައިންކޮށް ކިޔަވައިނުދެވޭނެ ކަމަށްބުނާ 8 ދާއިރާތަކުގެ ތެރޭގައި ހިމެނޭ ކޯސްތަކެއް ކަމަށެވެ. އެހެންކަމުން ގުރުއާންގެ ކޯސްތައް އޮންލައިންކޮށް ހިންގުމުގެ ހުއްދައަށް އެދުމުން، އެ ހުއްދަ އިސްލާމިކް މިނިސްޓްރީން މިހާރު ދީފައިވާކަމަށް ފިޒާނާ ވިދާޅުވި އެވެ.
ފިޒާނާ ވިދާޅުވީ މި ލިބުނު ހުއްދައާއެކު މިހާރުން މިހާރަށްވެސް ވަކިކަހަލަ މާއްދާތަކެއް ކިޔަވައިދޭނެކަމަށެވެ. އޭގެތެރޭގައި މައާނިލް ގުރުއާނާއި، އުލޫމުލް ޤުރުޢާން ހިމެނޭކަމަށެވެ.
”ވަކި އުސޫލުތަކެއްގެ މަތިން އެހެން މާއްދާތައްވެސް ކިޔަވައިދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން އަންގަވާފައިވޭ. އޭގެ ތެރޭގައި ތިލާވާ އަދި ހިފްޒު ފަދަ ކޯސްތައް ހިމެނޭ. މިއިން ކޮންމެ މާއްދާއެއް އޮންލައިންކޮން ގެންދެވުނު ނަމަވެސް މާއްދާ އާއި ގުޅޭ އިމްތިޙާންތައް ބާއްވަންޖެހޭނީ ފޭސް ޓު ފޭސް ކޮށް.“ ފިޒާނާ ވިދާޅުވި އެވެ.
ފިޒާނާ އިތުރަށް ވިދާޅުވީ ގުރުއާނުގެ ދާއިރާގެ ކޮންމެ ޕްރޮގްރާމެއްވެސް އެ ޕްރޮގްރާމުގައި ކިޔަވައިދެވޭ މާއްދާތަކަށް ރިއާޔަތްކޮށް ވަކި އުސޫލެއްގެތެރެއިން އީ-ލާނިންގ މޮޑަލިޓީގައި ކިޔަވައިދިނުމުގެ ހުއްދަ ދެވިދާނެކަމަށެވެ. އަދި، އެފަދަ ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ތަންތަނުން ޕްރޮގްރާމްތައް ފަރުމާކުރުމަށްފަހު އެ އޮތޯރިޓީއަށް ހުށައެޅުމަށް އެދިވަޑައިގެންނެވި އެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގެ އީ-ލަރނިންގ ގައިޑްލައިންގައި ބަޔާންކުރާގޮތުގައި އޮންލައިންކޮށް ކޯހެއް ކުރިއަށް ގެންދެވޭނީ އެ ދާއިރާގެ ގާނޫނީ ބާރުލިބިފައިވާ ކައުންސިލްތަކާއި، ކަމާބެހޭ ރެގިއުލޭޓަރީ އިދާރާ ތަކުން އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީން ކިޔަވައިދިނުމަށް ހުއްދަ ދިނުމުންކަމަށެވެ.



