ތ. ވަންދޫގައި ގާއިމުކުރި އެންމެ ޒަމާނީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމާއެކު ވަންދޫގެ ޑީސަލް ޖަނަރޭޓަރުތައް ދުވާލުގެ ވަގުތުތަކުގައި 7-8 ގަޑިއިރަށް ނިއްވާލުމުގެ ފުރުސަތު ލިބިގެންދާނެކަމަށް، ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކައިން ބުނީ، ތ. ވަންދޫގައި 300.48 ކިލޯވޮޓްގެ ސޯލާ ޕީވީއަކާއި، 591 ކިލޯވޮޓް އަވަރގެ ބެޓެެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް މިހާރު ގާއިމުކޮށްފައިވާކަމަށެވެ. ވަކިން ޚާއްސަކޮށް، އޮފް-ގްރިޑް އޮޕަރޭޝަނަށް ފަރުމާކުރެވިފައިވާ މި ނިޒާމުގެ ސަބަބުން، ދުވާލުގެ ވަގުތުގައި 7-8 ގަޑިއިރަށް ރަށުގެ ޑީސަލް ޖަނަރޭޓަރުތައް ނިއްވާލެވޭނެކަމަށް އެކޯޕަރޭޝަނުން ބުނެފައި ވެއެވެ.
މިއީ ދެމެހެއްޓެނިވި ހަކަތައަށް މަގުފަހިކޮށް، ރަށުގެ ކާބަން ފޫޓްޕްރިންޓް ކުޑަކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެކެވެ. އަދި، މި މަޝްރޫއުގެ ސަބަބުން ކަނޑޫދޫގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ރަށުގެ ކަރަންޓު އުފެއްދުމުގެ ޚަރަދު ކުޑަކުރުމަށް މަގުފަހިވާނެކަމަށް ފެނަކައިން ބުނެފައި ވެއެވެ.
ތ. ވަންދޫގައި ސޯލާ ޕީވީ ސިސްޓެމް ހަރުކޮށްފައިވަނީ، އޭޝިއަން ޑެވެލޮޕްމެންޓް ބޭންކް(އޭޑީބީ) ގެ އެހީގައި ކުރިޔަށްގެންދާ “އައުޓަރ އައިލޭންޑް ފޮރ ސަސްޓެއިނަބްލް އެނަރޖީ ޑެވެލޮޕްމެންޓް(ޕޮއިސްޑް) ގެ ދަށުންނެވެ. މި ޕްރޮގްރާމްގެ ދަށުން ތ. އަތޮޅުގެ ބުރުނީ ފިޔަވައި އެހެން ހުރިހައި ރަށެއްގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށް ފެނަކައިން ބުންޏެވެ. ވަންދޫގެ އިތުރުން ކަނޑޫދޫ، ވޭމަންޑޫ، އަދި ކިނބިދޫގައި މިހާރު ވަނީ މި ނިޒާމު ގާއިމުކޮށް ނިމިފަ އެވެ.
ޕޮއިސްޑް ޕްރޮގްރާމް ހިންގަން ފަށާފައިވަނީ 2023ވަނަ އަހަރުގެ މާޗުމަހުގެ ތެރޭގައެވެ. މި ޕްރޮގްރާމްގެ ސަބަބުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވެ، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމުގެ ގާބިލުކަން އިތުރުވެގެންދާނެ އެވެ. އަދި ރާއްޖެއިން ތެލަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރުމަށް ބާރަކަށް ވެގެންދާނެއެވެ.



