ރާއްޖެއާ ޗައިނާގެ ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަށް އެއްބާރުލުންދެއްވާނެކަމުގެ ޔަގީންކަން ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލިޒިން ދެއްވައިފި އެވެ.
ސަފީރު މިހެން ވިދާޅުވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާ ސަފީރު ވަނީ ރާއްޖޭން މިވަގުތަށް އެންމެ ބޭނުންވާނެ ކަންކަން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އޮޅުންފިލުއްވައި އެކަންކަން ކޮށްދިނުމަށް ޗައިނާ ސަރުކާރަށް ވެވެންއޮތް އެހީތެރިކަމަކާއި، އެއްބާރުލުމެއް ދެއްވާނެކަމުގައި ވިދާޅުވެފަ އެވެ. އަދި، ދިވެހިރާއްޖެއާ ޗައިނާ އާދެމެދު އޮންނަ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކަމަނާ ވަނީ ޗައިނާގެ ރައީސް ރާއްޖެއާމެދު ބަހައްޓަވާ ޚާއްސަ ގާތްކަމާއި ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ދެ ގައުމު ގުޅިގެން ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ވެސް މިބައްދަލުވުމުގައި މަޝްވާރާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ޗައިނާ ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުން މަޝްވަރާކުރެއްވި ކަންކަމާއި، އެއްބަސްވެވަޑައިގެންފައިވާ ކަންކަން ތަންފީޒުކޮށް ހަލުވި ދުވެލީގައި ކުރިއަށްގެންދިއުމަށް ކުރެއްވެންހުރި ކަންކަމާއި ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ޗައިނާ ސަފީރުވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަށް އެއްބާރުލުންދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އިސްވެރިންވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ހުރިހާ ގައުމަކާ ގުޅިގެން، ވަޒަން ހަމަކޮށް ހަލުވި، ބާރުމިނުގައި ގައުމު ތަރައްގީކުރުމަށް މަސައްކަތްކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައި ވެއެވެ.




