މަސައްކަތްތެރިކަމުގެ ދާއިރާތަކުން ދިވެހި ޒުވާނުންގެ ހުނަރުތައް އިތުރުކުރުމަށް ހިންގާ ކޯސްތައް ކުރިއެރުވުމުގައި ސިންގަޕޫރުގެ ސަރުކާރުން ދެވެންހުރި ޚިދުމަތްތަކާއިގުޅޭގޮތުން ސިންގަޕޫރާއެކު މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ބާއްވާފައިވަނީ އިއްޔެ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލް ޑިވެލޮޕްމަންޓުން ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސޫ ކޮކް ލެންގއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ. މި ބައްދަލުވުމުގައި ހަޔަރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު، ސްޓޭޓް މިނިސްޓަރ ފާތިމަތު މުޙައްމަދު އަދި އިންޓަނޭޝަނަލް ރިލޭޝަންސް އޮފިސަރ ހުސައިން އަރުފާއު އަޙްތަރު ބައިވެރިވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި، ސިންގަޕޫރުގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ގުޅިގެން ރާއްޖޭގައި މަތީ ތަޢުލީމު ފުޅާކުރުމުގެ ގޮތުންކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައި ވެއެވެ. އެގޮތުން، އިމާރާތްކުރުމާއި، ފަތުރުވެރިކަމާއި، އިންޖީނިއަރިން ފަދަ މަސައްކަތްތެރިކަމުގެ ދާއިރާތަކުގައި ޒުވާނުންގެ ހުނަރު އިތުރުކޮށް މި ދާއިރާތަށް އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއިމެދު ޙިޔާލު ފާޅުކޮށްފައި ވެއެވެ.
މީގެ އިތުރުން، މޯލްޑިވިސް ޕޮލިޓެކްނިކް އާއި މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އެމްއެންއެސްޑީއޭ) އިން މަސައްކަތްތެރިކަމުގެ ދާއިރާތަކުގައި ޒުވާނުންގެ ހުނަރުތައް އިތުރުކުރުމަށް ހިންގާ ކޯސްތައް ކުރިއެރުވުމުގައި ސިންގަޕޫރުގެ ސަރުކާރުން ދެވެންހުރި ޚިދުމަތްތަކާއިގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފަ އެވެ. އަދި، ސިންގަޕޫރުގެ ހައިކޮމިޝަނާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި ގުޅިގެން ދެ ގައުމުގެ މަތީ ތައުލީމު ކުރިއެރުވުމަށްޓަކައި ކުރެވެންހުރި އިތުރު މަސައްކަތްތައްކާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައި ވެއެވެ.
ސިންގަޕޫރުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އެގައުމުގެ ޕޮލިޓެކްނިކް ކުރިއަރާ ދިޔުމުގެ ފަހަތުގައި އާންމު މުޖުތަމައުގެ ވިސްނުން ބަދަލުކުރުމަށް ސިންގަޕޫރު ސަރުކާރުން ދިން އަހައްމިއްޔަތުކަން ހިއްސާ ކުރައްވާ ފައެވެ. އަދި، މަސައްކަތްތެރިކަމާއި ގުޅޭ ދާއިރާތަކަކީ ދަށްފަންތީގެ ދާއިރާތަކެއް ނޫންކަމާއި ކޮންމެ ޒުވާނަކީ ހަމައެކަނި ތަޢުލީމީ ދާއިރާއިން ކުރިއަރަންޖެހޭ މީހެއް ނޫންކަން އާންމު މުޖްތަމައަށް ވިސްނައިދިނުމުގެ މުހިއްމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.
ބައްދަލުވުމުން ނިންމަވާލައްވަމުން، ސްޓޭޓް މިނިސްޓަރ އަހްމަދު ޝަފީއު ވަނީ ސިންގަޕޫރުން ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށާއި އެހެނިހެން ދާއިރާތަކަށް ކޮށްދެއްވާފައިވާ ޚިދުމަތްތަށް ފާހަގަ ކުރައްވައި، އެކަންކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.




